ކުއްލި ޚަބަރު

800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ އޭސީސީން ރިވިއު ކުރަން ނިންމައިފި

އަލީ ޔާމިން

3

ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެސްޓީއޯ މެދުވެރިކޮށް ތެލުގެ ވަގު ވިޔަފާރިއެއް ކުރި ކަމަށް ތުހުމަތުކުރާ މައްސަލަ (މޯކޮމް މައްސަލަ) ރިވިއު ކުރަން ނިންމާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ތެލުގެ ވިޔަފާރިއާ ބެހޭ ތަހުގީގު ރިޕޯޓު ކުރީގެ ރައީސް މުހައްމަދު ވަހީދު "ބައްލަވައިގެންނެވީ" ދައުލަތުގެ ފައިސާ އިން ކަމަށާއި އެއަށް ފަހު އެ ރިޕޯޓް ފޮރުއްވަވާފައިވާ ކަމަށް ތުހުމަތުކުރައްވައި، މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ފަލާހު ވަނީ މަޖިލީހަށް މައްސަލައެއް ހުށަހަޅުއްވައިފައެވެ.

އެ މައްސަލައަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު އަދި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ، އެސްޓީއޯ މޯލްޑިވްސް ސިންގަޕޯ ޕްރައިވެޓް ލިމިޓެޑާއި، މޯކޮމް ކުންފުންޏާ ދެމެދު 800 މިލިޔަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރި ކޮށްފައިވާ ކަމަށް ބުނާ މައްސަލަ ތަހުހީގު ކުރި ސިންގަޕޫރުގެ ގްރާންތޯންޓަން އިންޓަނޭޝަނަލުން އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގެންގޮސްފައިވާ ކަމާބެހޭ ލިޔުންތައް ހިމެނޭ ފައިލްތައް، އަމިއްލަ ބެލުމުގެ ދަށުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާ ހަވާލުކޮށްފައިވާނެ ކަމަށެވެ.

އެކަމާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ބުނީ، މިއަހަރުގެ ދެވަނަ ދައުރުގެ 11 ވަނަ ޖަލްސާގައި، ވިލިމާލޭ ދާއިރާގެ މެންބަރު އަހުމަދު އުޝާމް ދެއްކެވި ވާހަކައިގައި ވިދާޅުވެފައިވާ ފަދައިން އެސްޓީއޯ މޯލްޑިވްސް ސިންގަޕޫރު ލިމިޓެޑުން ތެލުގެ ވަގު ވިޔަފާރިއެއް ހިންގިކަމަށް ބުނާ މައްސަލަ ތަހުގީގުކުރުމަށް ހަވާލުކުރި ގްރާންޓް ތޯންޓަން އިން ކުރި މަސައްކަތުގައި ބޭނުންކުރި ލިޔުންތައް 2013 ވަނަ އަހަރުގެ ތެރޭގައި އެޓާނީ ޖެނެރަލްގެ އޮފީހުން އެ ކޮމިޝަނާ ހަވާލުކޮށްފައިވާ ކަމަށާއި އެ ލިޔުންތައް މިހާރުވެސް ކޮމިޝަނުގައި އެބަހުރި ކަމަށެވެ.

މީގެ އިތުރުން އެ މައްސަލައަކީ 11 މެއި 2011ގައި އެ ކޮމިޝަނުން ހުށަހެޅި މައްސަލައަކާ ގުޅިގެން ތަހުގީގުކުރަން ފެށި މައްސަލައެއް ކަމަށާއި އެ މައްސަލައިގެ ތަހުގީގު އިތުރަށް ކުރިއަށްގެންދެވޭ ވަރަށް މައުލޫމާތު ނެތް ކަމަށް 8 މެއި 2018 ގައި ކަނޑައަަޅައި މައްސަލަ ފައިލްކުރުމަށް ނިންމާފައިވާ ކަމަށް އޭސީސީން މައުމޫމާތުދެއެވެ. ނަމަވެސް އެ މައްސަލަ ކޮމިޝަންގެ ފަރާތުން ރިވިއުކުރަން ނިންމާފައިވާ ކަމަށް ވެސް އޭސީސީން ބުނެފައިވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟