ކުއްލި ޚަބަރު

އާއިލާއަށް އޮޅުވާލައިގެން ކުޑަކުއްޖަކު މާލެ ގެނެސް ރޭޕްކުރި ކަމަށް ތުހުމަތުކުރާ މީހާއަށް ހަތަރު ދައުވާއެއް

އާއިލާއަށް އޮޅުވާލައިގެން ރަށަކުން މާލެ ގެނެސް ގެސްޓް ހައުސްއެއްގައި އުމުރުން 16 އަހަރު ނުވާ ކުއްޖަކު ރޭޕްކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ އުނައިސް އަހުމަދުގެ މައްޗަށް ހަތަރު ދައުވާއެއް އުފުލައި، ދައުވާ ކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

ބ. ތުޅާދޫ ހިޔާވަހި، އުނައިސް އަހުމަދު، 25 ހައްޔަރުކުރީ މިދިޔަ މެއި މަހުގެ 28 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ނަމަވެސް އޭނާއާ ދެކޮޅަށް ހެކި ހުއްޓަސް، އެއީ ޖިނާއީ އިޖުރާއާތުގެ ގާނޫނުގައި ބޮޑެތި ކުށްތައް ބަޔާންކުރާ ލިސްޓުގައި ހިމެނޭ ކުށަކަށް ނުވާތީ ކަމަށް ބުނެ ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލިއެވެ.

ފަހުން ކްރިމިނަލް ކޯޓުން ވަނީ، ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރަން އަމުރުކޮށްފައެވެ. އެއީ އިތުރު ތުހުމަތުތަކެއްގައި އޭނާ އަލުން ހައްޔަރު ކުރުމުންނެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ، އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ޝަހްސު އޮޅުވާލައިގެން އުމުރުން 16 އަހަރުގެ ކުޑަ އަންހެން ކުއްޖަކާ ރައްޓެހިވެ، އެކުއްޖާގެ ބައްޕަގެ އަތުން މަކަރާއި ހީލަތުން ފައިސާ ހޯދައި އެކުއްޖާ ޑޮކްޓަރަށް ދެއްކުމަށް ކަމަށް ބުނެ މެއި 27 ވަނަ ދުވަހުގެ ވަގުތެއްގައި އެކުއްޖާ މާލެ ގެނެސް ޖިންސީ ގުޅުން ހިންގުމަށް ހިތްވަރުދީ، އެކުއްޖާއަށް ޖިންސީ ގޯނާކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ކަމަށެވެ.

އެ މައްސަލައާ ގުޅިގެން އޭނާގެ މައްޗަށް ހަތަރު ދައުވާއެއް އުފުލައި، ކްރިމިނަލް ކޯޓަށް ވަނީ ހުށަހަޅައިފައެވެ.

އެއީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ހާއްސަ އުސޫލުތަކަކަށް އަމަލުކުރުމުގެ ގާނޫނުގެ ތިންވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށުގެ ދައުވާއާއި ގާނޫނުލްއުގޫބާތުގެ 312 ވަނަ މާއްދާގެ ދަށުން ޝަހްސު އޮޅުވާލުމުގެ ކުށުގެ ދައުވާއާއި، ގާނޫނުލްއުގޫބާތުގެ 212 ވަނަ މާއްދާގެ ދަށުން މަކަރާއި ހީލަތްހެދުމުގެ ކުށުގެ ދައުވާ އަދި ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ 122 ވަނަ މާއްދާގެ ދަށުން ކުޑަކުއްޖެއް އެކްސްޕްލޮއިޓް ކުރުމުގެ ކުށުގެ ދައުވާއެވެ.

މި ދައުވާތަކުގެ ތެރެއިން ކުޑަކުއްޖެއްގެ ހަށިގަނޑުގައި ޖިންސީ ނިޔަތެއް އޮވެގެން ގަސްދުގައި އަތްލުމުގެ ކުށް ސާބިތުވެއްޖެނަމަ 14-10 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށް ލުމަށް ހުކުމް ކުރެވޭނެއެވެ.

ޝަހްސު އޮޅުވާލުމުގެ ކުށުގެ ދައުވާ އާއި މަކަރާއި ހީލަތް ހެދުމުގެ ދައުވާ ސާބިތުވެއްޖެނަމަ ކޮންމެ ދައުވާއަކަށް 9 މަހާއި 18 ދުވަހުގެ ޖަލު ހުކުމެއް އަދި ކުޑަކުއްޖަކު އެކްސްޕްލޮއިޓް ކުރުމުގެ ދައުވާ ސާބިތިވެއްޖެ ނަމަ ތިން އަހަރުގެ ޖަލު ހުކުމެއް ކުރެވޭނެއެވެ.