ލަންކާގައި މާސްކު ނާޅައި މަގުމަތީގައި އުޅޭ މީހުން 14 ދުވަހަށް ކަރަންޓީނު ކުރަން ނިންމައިފިއެވެ.
ލަންކާގެ ޑެޕިއުޓީ އިންސްޕެކްޓާ ޖެނެރަލް އަޖިތް ރޯހަނާ ވަނީ ފާއިތުވެދިޔަ ތިން މަސްދުވަހު އެގައުމުގައި އަޅާފައިވާ ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބަލައި ކުރިޔަށް އޮތް ހަފްތާގައިވެސް އެގައުމުގައި ކޮވިޑް ކޮންޓްރޯލް ކުރުމަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައިވާކަމަށް ވިދާޅުވެފަ އެވެ.
އަޖިތު ވަނީ ލަންކާގައި އަޅާފައިވާ ފިޔަވަޅުތަކާ ހިލާފުވާ މީހުންނާމެދު ހަރުކަށި ފިޔަވަޅު އެޅުމަށް ނިންމާފައިވާކަންވެސް ފާހަގަ ކުރައްވައިފައެވެ. އެގައުމުގައި ކޮވިޑް ފެތުރުން ހުއްޓިފައި ވީ ނަަމަވެސް އަދިވެސް ކޮވިޑްގެ ނުރައްކާ ފިލައިގެން ނުދާކަމަށް އަޖިތު ވިދާޅުވިއެވެ.
ލަންކާ ސަރުކާރުން ނިންމާފައި ވަނީ އާންމުތަންތާގައި މާސްކު ނާޅައި އުޅޭ މީހުން 14 ދުވަހުގެ ސެލްފް ކަރަންޓީނަކަށް ފޮނުވުމަށެވެ. މިގަވާއިދަށް އަމަލުކުރަން ފަށާނީ މާދަމާއިން ފެށިގެންނެވެ.
ލަންކާއިން ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި ބޮޑެތި ކުރިއެރުންތަކެއް ވަނީ ހޯދައިފައެވެ. އެގޮތުން އެގައުމުގައި ކޮވިޑްގެ ކޮމިއުނިޓީ ސްޕްރެޑެއް ނެތްކަމަށް އިއުލާން ކޮށްފައިވާއިރު މިހާރު ކޮވިޑް ފެތުރެނީ ކަރަންޓީނު ކޮށްފައިވާ އާމީ ސަރަހައްދެއްގައި އެކަނި ކަމަށް މީޑިއާއިން ބުނެއެވެ.
ލަންކާގައި މިހާތަނަށް 2014 މީހުންނަށް ކޮވިޑް ޖެހިފައިވާކަމަށް ރެކޯޑު ކުރެވިފައި ވެއެވެ. އަދި 11 މީހުން މިބަލީގައި އެގައުމުން މަރުވެފައި ވެއެވެ.