މުހައްމަދު އައުޒަމް
ރިސްކު ކެޓަގަރީގެ އުމުރުން ދުވަސްވީ މީހުންނަށް ކޮވިޑްގެ ވެކްސިން މަސައްކަތް ނުކޮށްފާނެ ކަމަށް ސައިންސްވެރިން ބުނެފިއެވެ.
ޔޫކޭގެ އިމްޕީރިއަލް ކޮލެޖްގެ ޕްރޮފެސަރު ޕީޓާ އޯޕެންޝޯ ވަނީ ވެކްސިން ދިނުމުގައި ވަކި ހާއްސަ ބަޔަކު ސަލާމަތް ކުރުމަށް އެމީހުންގެ ކައިރީގައި ދިރިއުޅޭ މީހުންގެ ގަޔަށް ވެކްސިން ޖެހުން މުހިއްމު ކަމަށް ބުނެފައެވެ. އެގޮތުން ރިސްކު ކެޓެގަރީގެ އުމުރުން ދުވަސްވީ މީހުން ކައިރީގައި އުޅޭ މީހުންނާއި ކުޑަކުދިންނަށް ވެސްކިން ދިނުމުން އުމުރުން ދުވަސްވީ މީހާއަށް އޮންނަ ރިސްކު ކުޑަކުރެވިދާނެކަމަށް ވަނީ ބުނެފައެވެ.
ޕީޓާ ވަނީ ވެކްސިން ތައާރަފު ކުރުމަށްފަހު ޖަހަން ޖެހޭ ފުރަތަމަ ބަޔަކީ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ ފްރަންޓްލައިން މީހުން ކަމަށްވެސް ބުނެފައެވެ.
އުމުރުން ދުވަސްވީ މީހުންނަށް ވެކްސިން މަސައްކަތް ނުކޮށްފާނެ ކަމުގެ ހޯދުންތަކާއެކު ގިނަ ސައިންސުވެރިން ވަނީ މިކަމުގެ ހައްލެއް ހޯދަން ޖެހޭކަމަށްވެސް ބުނެފައެވެ. އަދި ވެކްސިން އުފެއްދުމުގެ މަރުހަލާގައި އުމުރުން ދުވަސްވީ މީހުންނަށް ވަކި ހާއްސަ ވެކްސިނެއް ނަމަވެސް އުފެއްދުމުގެ މަސައްކަތް ކުރަން ޖެހޭ ކަމަށް ބުނެފައެވެ.