އިބްރާހިމް ޒަކީ
ދެންވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވުމުން، ލަކުޑި ކާޅަކަށް ދޮންކޭލެއް ނުކެވޭނެ ކަމަށް ވިދާޅުވެ އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ރައީސް ނަޝީދަށް ރައްދު ދެއްވައިފިއެވެ.
އެމްޑީޕީއަށް 15 އަހަރު ފުރުން ފާހަގަ ކުރުމުގެ މުނާސަބަތުގައި ތަހުނިޔާ ވިދާޅުވެ ރައީސް ނަޝީދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ހުރިހާ ކަމެއްވެސް ދާނީ ރަނގަޅަށް ކަމަށާއި އަދިވެސް ކަންކަން ކުރެވޭނީ އެމްޑީޕީއަށް ކަމަށެވެ.
އެމްޑީޕީގެ 15 އަހަރުގެ ހަޔާތުގައި ދެފަހަރަށް ރާއްޖޭގެ ވެރިކަން ކުރެވިއްޖެ ކަމަށާއި، އެމްޑީޕީގެ ހުރިހާ ސިޔާސީ ވާދަވެރިން ރޫޅިފައިވާ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ އެ ވާހަކަފުޅަށް ރައްދު ދެއްވައި ޝަރީފް މިއަދު ވިދާޅުވީ، ރާއްޖޭގެ ގިނަ ބަޔަކު އެދޭފަދަ ތަރައްގީއެއް މިހާތަނަށް ގެނެސްދިނީ ޕީޕީއެމުން ކަމަށެވެ. ވައުދުތައް އެންމެ ރަނގަޅަށް ފުއްދޭނީ އެކަން ކުރަން އެނގޭ ބަޔަކަށް ކަމަށާއި، އެއީ ޕީޕީއެމް/ޕީއެންސީ ކަމަށް ވެސް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ، 2023 ގައި ވެރިކަން ކުރާނީ ރައީސް ޔާމީން ކަމަށެވެ.
ޝަރީފް މިހެން ވިދާޅުވިއިރު މަނީ ލޯންޑާ ކުރުުގެ ކުށް ސާބިތުވެގެން އިއްވި ފަސް އަހަރު ދުވަހުގެ ހުކުމެއް ތަންފީޒު ކުރެއްވުމަށް ރައީސް ޔާމީންގެ ހުންނެވީ ޖަލުގައެވެ.
"ލަކުޑި ކާޅަކަށް ދޮންކޭލެއް ނުކެވޭނެ. ރާއްޖޭގެ ގިނަ ބަޔަކު އެދޭ ފަދަ ތަރައްގީއެއް މިހާތަނަށް ގެނެސްދިނީ ޕީޕީއެމުން. ވައުދުތައް އެންމެ ރަނގަޅަށް ފުއްދޭނީ އެކަން ކުރަން އެނގޭ ބަޔަކަށް. އެއީ ޕީޕީއެމް ޕީއެންސީ. 2023 ގައި ވެރިކަން ކުރާނީ ރައީސް ޔާމީން،" ޝަރީފް ކުރެއްވި ޓްވީޓުގައި ވިދާޅުވިއެވެ.