ދުނިޔެ

އިތިއޯޕިއާގެ 114 އަހަރުގެ މީހަކު ކޮވިޑުން ރަނގަޅުވެއްޖެ

މުހައްމަދު އައުޒަމް

އިތިއޯޕިއާގެ 114 އަހަރުގެ މީހަކު ކޮވިޑް ބަލިން ރަނގަޅުވެއްޖެއެވެ.

އިތިއޯޕިއާގެ އަބާ ތިލަހުން ނަމަކަށް ކިޔާ މިމީހާއަށް ފަރުވާދިން ޑޮކްޓަރު ވަނީ އުމުރުން 114 އަހަރު ވެފައިވާ މިމީހާ ކޮވިޑުން އެއްކޮށް ރަނގަޅުވުމުން މިއީ ވަރަށް އާދަޔާ ހިލާފުކަމެއް ކަމުގައި ސިފަކޮށްފައެވެ.

އަބާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން އެނގިފައިވަނީ އެގައުމުގައި ކުރަމުން އަންނަ ރޭންޑަމް ސާމްޕަލިންގެ ތެރެއިން އޭނާ ދިރިއުޅޭ އަވަށުގައި ރެންޑަމް ސާމްޕަލް ނެގުމުގެ ތެރޭގައެވެ. އަބާ ތިލަހުންގެ އާއިލާއިން ވަނީ އޭނާއަށް މިހާރު 114 އަހަރުވެފައިވާކަން ކަށަވަރުކަން ހާމަކޮށްފައެވެ. ނަމަވެސް އޭނާގެ އުފަންދުވަހުގެ ސެޓްފިކެޓުގައި އުމުރު އެނގޭނެ ގޮތެއް ނެތްކަމަަށް އެގައުމުގެ އޮފިޝަލުން ބުނެއެވެ.

އަބާ ކޮވިޑަށް ޕޮޒިޓިވްވެ ހޮސްޕިޓަލުގައި އެޑްމިޓް ކުރިއިރުވެސް އޭނާގެ ގައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށް ޑޮކްޓަރުން ބުނެއެވެ.

ޑޮކްޓަރުން ވަނީ އޭނާއަށް ފަރުވާ ދިނުމުގައި ހާއްސަ ސަމާލުކަމެއް ދީފައެވެ. އަދި ހަށިގަނޑަށް އަންނަ ބަދަލު ގާތުން ބަލައިފައެވެ. ނަމަވެސް އެޑްމިޓް ކުރިތާ ހަތަރުވަނައަށް ވީ ދުވަހު އަބާގެ ހާލު ދެރަވުމުގެ ސަބަބުން އައިސީޔޫއަށް ބަދަލުކޮށް އޮކްސިޖަންގެ އެހީގައި ފަރުވާ ދޭން ފަށާފައިވާ ކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ.

14 ދުވަހުގެ ފަރުވާއަށްފަހު އަބާ ހޮސްޕިޓަލުން ދޫކޮށްލާފައިވަނީ ސާމްޕަލް ނަގައި ކޮވިޑަށް ނެގެޓިވް ވުމުންނެވެ.

އިތިއޯޕިއާގައި 5000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު އެގައުމުން މިހާތަނަށް 81 މީހަކު ވަނީ މިބަލީގައި މަރުވެފައެވެ.