އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާ ލިބުނު ފަސް ފުލުހަކު ސަސްޕެންޑުކޮށްފިއެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި އެ އިދާރާގެ ފަސް މުވައްޒަފެއްގެ ޖިނާއީ އަދި އިދާރީ ތަހުގީގު ހިނގަމުންދާތީ އެ މުވައްޒަފުން މަސްއޫލިއްތުން ދުރު ކުރެވިފައިވާ ކަމަށެވެ.
އެ ފަސް މުވައްޒަފުންނަކީ އެމްއެމްޕީއާރުސީއާ ގުޅޭގޮތުން ހިންގަމުންދާ ތަހުގީގުގައި ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށް ފާހަގަކުރެވިފައިވާ މޯލްޑިވްސް ޕޮލިސް ސާވިސްގެ ވަޒީފާގައި ތިބި ފަސް މުވައްޒަފުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގާ ގުޅޭގޮތުން މީގެ ކުރިން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެފައިވަނީ ކުރީގެ ޕޮލިސް ކޮމިޝަނަރަކާއި ޑެޕިއުޓީ ކޮމިޝަނަރަކު އެކި ފަހަރުމަތިން ފައިސާ ނަންގަވާފައިވާ ކަމަށާއި އޭގެ އިތުރުން މިހާރު ވެސް ޕޮލިސް ސާވިސްގައި މަސައްކަތްކުރާ އެކި ރޭންކުތަކުގެ އޮފިސަރުންނަށް ހިޔާނާތުގެ ފައިސާ ލިބިފައިވާ ކަމަށެވެ. އަދި ހިޔާނާތުގެ ފައިސާ ލިބިފައިވާ ފުލުހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގާނެ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
ހިޔާނާތުގެ ފައިސާ ސަލާމަތީ ބާރުތަކުގެ މިހާރާއި ކުރީގެ ބައެއް އޮފިސަރުން ހިމެނޭ ގޮތަށް ހަތް އޮފިސަރަކަށް އެކި ކަންކަމާ ގުޅިގެން އެކިއެކި ސްޕޮންސާޝިޕް ނުވަތަ އެހީގެ ގޮތުގައި ހިޔާނާތުގެ ފައިސާ ދީފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ 260 މީހެއްވާ އިރު، އެ ހިޔާނާތުގެ މުގުލުގައި ތިބި މީހުންނަށް ދައުވާ ކުރުމަށް ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މީގެ ކުރިން ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން އެންޓި ކޮރަޕްޝަން ގުޅިގެން އަންނަނީ ތަހުގީގުކުރަމުންނެވެ.