އަލީ ޔާމިން
އެމްއެމްޕީއާރުސީ ބޮޑު ހިޔާނާތުގެ ފައިސާ ގޯނި ގޯންޏަށް އަޅައިގެން އުފުލި މީހުން ތިބީ ގޭގައި ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިހެން ވިދާޅުވީ އަލުން އެނބުރި ޕީޕީއެމްއަށް ސޮއިކުރެއްވުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
އެގޮތުން ޖަމީލް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ރައީސް ޔާމީންގެ ވެރިކަމުގައި ތަހުގީގު ކުރި ކަމަށާއި އެކަމުގައި ޝާމިލުވާ އިސް މީހުންނަށް ހުކުމް ވެސް ކުރި ކަމަށެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ގޯނި ގޯންޏަށް އަޅައިގެން އުފުލި މީހުން މިހާރު ތިބީ ގޭގައި ކަމަށްވެސް ޖަމީލް ވިދާޅުވިއެވެ.
"ކުރީގެ ނައިބު ރައީސް ހިމެނިވަޑައިގަންނަވާ، ޒިޔަތު ހިމެނިވަޑައިގަންނަވާ، އެބޭފުޅުންނަކީ އަޅުގަނޑުމެން މިކިޔާ އަސްލު މިކަން ހިންގި ބޭފުޅުން. ދުނިޔޭގެ ކޮން ގާނޫނީ ނިޒާމެއްގައިތޯ އޮތީ އަސްލު ކުށްކުރި މީހުންނަށް ލުއިތަކެއްދިނުމަށް،" ޑރ. ޖަމީލް ވިދާޅުވިއެވެ.
ޖަމީލް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ފައިސާ ލިބުނު މީހުން މިއަދުގެ ރައްޔިތުންގެ މަޖިލީހުގައިވެސް އެބަތިބި ކަމަށާއި އެއީ ދިވެހިން ދަންނަ ހަގީގަތެއް ކަމަށެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ތުހުމަތުކުރެވޭ 260 މީހެއްވާ އިރު، އެ ހިޔާނާތުގެ މުގުލުގައި ތިބި މީހުންނަށް ދައުވާ ކުރުމަށް ވަރަށް އަވަހަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ މީގެ ކުރިން ވިދާޅުވިއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ފުލުހުންނާއި، އެސެޓް ރިކަވަރީ ކޮމިޝަންގެ އިތުރުން އެންޓި ކޮރަޕްޝަން ގުޅިގެން އަންނަނީ ތަހުގީގުކުރަމުންނެވެ.