ކުއްލި ޚަބަރު

ޑރ. ޖަމީލު ޕީޕީއެމަށް ސޮއިކޮށް، އެޑްވައިޒަރުކަމާ ހަވާލުވެއްޖެ

އަލީ ޔާމިން

1

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އިދިކޮޅު ޕީޕީއެމްއަށް ސޮއިކުރައްވައިފިއެވެ.

އެމަނިކުފާނު ޕީޕީއެމަށް ސޮއިކުރެއްވީ މިރޭ އިދިކޮޅު ކޯލިޝަނުން މ. ދިމްޔާތުގައި ބޭއްވި ހާއްސަ ހަފުލާގައެވެ. ޕީޕީއެމަށް ސޮއިކުރެއްވި ފޯމް ޑރ. ޖަމީލް ވަނީ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާ ހަވާލު ކުރައްވާފައެވެ. އަދި އެއާއެކު ޕީޕީއެމްއާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޯލިޝަންގެ އެޑަވައިޒަރުކަން ވަނީ ޑރ. ޖަމީލަށް ދެއްވައިފައެވެ.

ޖަމީލް އެންމެ ފަހުން ހުންނެވީ ސަރުކާރު ކޯލިޝަނުގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރެއްގެ ގޮތުގައެވެ.

ޕީޕީއެމާ ގުޅިވަޑައިގަތުމަށްފަހު ވާހަކަދައްކަވަމުން ޖަމީލް ވިދާޅުވީ، މިވަގުތު ރާއްޖެއަށް އޮތް ހައްލަކީ ރައީސް ޔާމީން މިނިވަން ކުރުމަށް މަސައްކަތްކޮށް، އެމަނިކުފާނު 2023 ވަނަ އަހަރު ރާއްޖޭގެ ވެރިކަމަށް އިންތިހާބު ކުރުން ކަމަށެވެ.

"ރާއްޖޭގެ ވެރިކަން ކުރެއްވި ބޭފުޅަކު ޖަލުގައި އޮތުމަކީ އަޅުގަނޑު ގަބޫލު ކުރާ ކަމެއް ނޫން. މިވަގުތު ރާއްޖެއަށް އޮތް ހައްލަކީ އެމަނިކުފާނު މިނިވަން ކުރުން،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ނައިބު ރައީސްކަން ވެސް ޖަމީލް ކުރައްވާފައިވެއެވެ. ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ޖަމީލް ނައިބު ރައީސްކަމުން ދުރުކޮށްފައިވަނީ ރައީސް ޔާމީނާއި ޖަމީލްއާ ދޭތެރޭ ޖެހުނު މައްސަލަތަކަށްފަހު، އޭރު ޕީޕީއެމްގެ މެޖޯރިޓީ އޮތް 18 ވަނަ މަޖިލީހުންނެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟