ކުއްލި ޚަބަރު

ޑރ. ޖަމީލު މިރޭ ޕީޕީއެމްއަށް ސޮއިކޮށް، އެޑްވައިޒަރުކަމާ ހަވާލުވަނީ

އަލީ ޔާމިން

ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު މިރޭ ޕީޕީއެމްއަށް ސޮއިކުރައްވައި، އެޕާޓީގެ އެޑްވައިޒަރުކަމާ ހަވާލުވެވަޑައިގަންނަވާ ގޮތަށް ނިންމަވައިފިއެވެ.

އެކަމާ ގުޅޭގޮތުން ޕީޕީއެމްގެ އިސް އޮފިޝަލަކާ “ވަން” އިން ސުވާލުކުރުމުން އެކަން ދޮގުކުރައްވައިފައެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި މިރޭ 8:00 ގައި ޕީޕީއެމުން ބާއްވާ ޖަލްސާގައި ޑރ. ޖަމީލް އެޕާޓީއަށް ސޮއިކުރައްވައި އެޑްވައިޒަރުގެ މަގާމާ ހަވާލުވެވަވަޑައިގަންނަވާނެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކުރަން ކުރައްވާ މަސައްކަތްތަކަށް އިތުރު ވަގުތު ދިނުމަށް ބޭނުންވާ ކަމަށް ބުނެ ޖުމްހޫރީ ޕާޓީގެ މެންބަރުކަމުން ޑރ. ޖަމީލު އިސްތިއުފާ ދެއްވާފައިވަނީ މިއަހަރުގެ ކުރީކޮޅުއެވެ. ޑރ. ޖަމީލަކީ ރައީސް ޔާމީންގެ ވަކީލުންގެ ޓީމުގައި ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ.

ރައީސް ޔާމީންގެ ދައުރުގައި އެންމެ ފުރަތަމަ ނައިބު ރައީސްކަން ކުރެއްވި ޑރ. ޖަމީލް އެ މަގާމުން ދުރުކުރެއްވުމުން އެތައް ބަޔަކު ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވިއެވެ. ނަމަވެސް އޭގެ ފަހުން ޖޭޕީގެ އެޑްވައިޒަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު ޑރ. ޖަމީލް ވަނީ ރައީސް ޔާމީންގެ ގާނޫނީ ޓީމުގައި ބައިވެރިވެވަޑައިގެނއ، މިހާރު އޮތް ކޯލިޝަން ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ޑރ. ޖަމީލް މިރޭ ޕީޕީއެމްއަށް ސޮއިކުރައްވާއިރު، މީގެ ދެތިން ދުވަސްކުރިން ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުވެސް ވަނީ އެޕާޓީގެ ސްޕެޝަން އެޑްވައިޒަރުކަމާ ހަވާލުވެވަޑައިގެންފައެވެ.