މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސް

ކުޅިވަރު ޖަމިއްޔާތަކުގެ ދަފްތަރު ޝާއިއުކޮށްފި

އައިދާ އަބްދުލް ހަކީމް

ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ކުޅިވަރު ޖަމިއްޔާތަކުގެ ދަފްތަރު ޝާއިއުކޮށްފިއެވެ.

ޔޫތު މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ 2015 އަހަރު ވުޖޫދަށް އައި ދިވެހިރާއްޖޭގެ ކުޅިވަރު ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ކުޅިވަރު ޖަމިއްޔާތައް ރަޖިސްޓްރީކޮށް ހިންގުމާބެހޭ ގަވައިދުގެ ހަތްވަނަ މާއްދާގައިވާ ގޮތުގެ މަތިން ކޮމިޝަނަރު އޮފް ސްޕޯޓްސްގައި 2017 އިން ފެށިގެން 2020 ވަނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ކުޅިވަރު ޖަމިއްޔާތަކުގެ ދަފްތަރު ޝާއިއު ކޮށްފައިވާ ކަމަށެވެ.

ކުޅިވަރު ގާނޫނު ބުނާގޮތުން ކުޅިވަރު އެސޯސިއޭޝަންތަކުން ރާވައި ހިންގާ ކުޅިވަރު މުބާރާތްތަކުގައި ބައިވެރިވެވޭނީ ކުޅިވަރު ގާނޫނުގައިވާ ގޮތުގެ މަތިން އެޖަމިއްޔާއެއް ކޮމިޝަނަރު އޮފް ސްޕޯޓްސްގައި ރަޖިސްޓްރީ ކުރުމުންނެވެ. އެ ޖަމިއްޔާތަކުން ކޮންމެ އަހަރަކު އަހަރީ ރިޕޯޓް ހުށަހަޅަންޖެހޭނެއެވެ.

ކޮވިޑް 19 އާ ގުޅިގެން ޖަމިއްޔާތަކުން ހުށަހަޅަންޖެހޭ ރިޕޯޓު ހުށަހަޅަންޖެހޭ މުއްދަތު ޔޫތު މިނިސްޓްރީން ވަނީ އިތުރުކޮށްދީފައެވެ.