މާލޭ ސިޓީގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި މާފަންނު މެދު ދާއިރާގެ ކައުންސިލަރު އަހުމަދު ނަރީޝް، މިނިސްޓާ ފެންވަރުގައި ޔޫތް މިނިސްޓްރީއަށް އައްޔަންކުރައްވައިފިއެވެ.
ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު "ވަން" އަށް މިއަދު ވިދާޅުވީ މިނިސްޓަރު ފެންވަރުގައި ނަރީޝް އައްޔަންކުރައްވާފައިވަނީ ޔޫތް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ގެ އެޑްވައިޒަރު މަގާމަށް ކަމަށެވެ.
ނަރީޝް އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށް ހީނާ ވިދާޅުވިއެވެ.
ނަރީޝް މާލޭގެ ޑެޕިއުޓީ މޭޔަރުގެ މަގާމުންނާއި މާފަންދު މެދު ދާއިރާގެ ކައުންސިލަރުގެ މަގާމުން އިސްތިއުފާދެއްވީ މިދިޔަ ބުދަ ދުވަހުއެވެ.
ނަރީޝް މަގާމުން އިސްތިއުފާ ދެއްވައި މާލޭގެ މޭޔަރު އާދަމް އާޒިމަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ޑެޕިއުޓީ މޭޔަރުގެ މަގާމުގައި ހުންނެވި ދުވަސްވަރަކީ ވަޒީފާގެ މާހައުލުގައި ހޭދަކުރެއްވި އެންމެ އުފާވެރި ދުވަސްތައް ކަމަށާއި އޭނާ އެ މަގާމަށް އިންތިހާބު ކުރަން ތާއީދުކުރައްވައި ވޯޓު ދެއްވި ކައުންސިލަރުންނަށް އޭނާ ޝުކުރު އަދާކުރެއްވިއެވެ.
ޕީޕީއެމްގެ ޓިކެޓުގައި ނަރީޝް ކައުންސިލަށް އިންތިހާބުވެވަޑައިގަތީ ޖޫން 21، 2021 ގަ އެވެ.
މާލޭގެ ޑެޕިއުޓީ މޭޔަރުކަމުން ނަރީޝް އިސްތިއުފާ ދެއްވުމުން މިއަދު ވަނީ އެ މަގާމަށް މާފަންނު ހުޅަނގު އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު އަރީޝް އިންތިހާބު ކޮށްފައެވެ.