ޚަބަރު

ނުހިންގާތާ ގިނަ އަހަރުތަކެއް ވެފައިވާ 55 ޖަމިއްޔާއަކަށް ލިޔެކިޔުންތައް ހުށަހެޅުމަށް އިތުރު ފުރުސަތެއް ދީފި

ގިނަ އަހަރުތަކެއްގެ ލިޔެކިޔުންތައް ގަވާއިދުން ހުށަނާޅައި، ނުހިންގާ ޖަމިއްޔާތަކަކަށް ލިޔެކިޔުންތައް ހުށަހެޅުމަށް އިތުރު ފުރުސަތެއް ދޭން ޔޫތު މިނިސްޓްރީން ނިންމައިފިއެވެ.

ޔޫތު މިނިސްޓްރީން މިއަދު ގެޒެޓުކުރި އިއުލާނެއްގައި ބުނީ ޖަމިއްޔާތަކުގެ ގާނޫނު ދަށުން، ޖަމިއްޔާތަކުގެ ރަޖިސްޓްރާއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ގަވާއިދުން ހުށަހަޅާފައި ނުވުމުގެ ސަބަބުން އިންއެކްޓިވް ވެފައިވާ ޖަމިއްޔާތައް އެކްޓިވް ކުރުމަށް، ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހުށަހެޅުމަށްޓަކައި އިތުރު ފުރުސަތެއް ދޭން ނިންމާފައިވާ ކަމަށެވެ.

އިތުރު ފުރުސަތު ދިނުމަށް ފުރަތަމަ ހަމަޖެހިފައިވަނީ 1971 އިން 1991 އަށް ރަޖިސްޓްރީ ކުރެވި، އިންއެކްޓިވް ވެފައިވާ 55 މަދަނީ ޖަމިއްޔާއަކަށް ކަމަށާއި ލިޔެކިޔުންތައް ހުށަހެޅުމަށް ހަ މަސް ދުވަހުގެ (20 ޖުލައި 2025 ވާ އާދީއްތަ ދުވަހުގެ 14:00ގެ ނިޔަލަށް) މުއްދަތެއް ދޭ ކަމަށް މިނިސްޓްރީން ބުންޏެވެ.

"މިގޮތުން އިތުރު ފުރުސަތު ދެވޭ ފުރަތަމަ 55 މަދަނީ ޖަމިއްޔާގެ ލިސްޓު އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. މި މުއްދަތު ތެރޭގައި ޖަމިއްޔާ އެކްޓިވް ނުކުރާނަމަ، އެފަދަ ޖަމިއްޔާތައް ގާނޫނު 3/2022 ގެ 69 ވަނަ މާއްދާގެ (ށ) ގައި ބަޔާންކުރާ ގޮތުގެމަތިން އުވާލުމުގެ މަސައްކަތް ކުރިއަށް ގެންދެވޭނެއެވެ..،" ޔޫތު މިނިސްޓްރީގެ އިއުލާނުގައި ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ ނުހިންގާ ޖަމިއްޔާތަކުގެ ތެރެއިން، ޖަމިއްޔާ އެކްޓިވް ކުރުމަށްޓަކައި ލިޔެކިޔުން ފުރިހަމަކުރަން ބޭނުންވާ ޖަމިއްޔާތަކުން ލިޔުންތައް [email protected] އަށް އީމެއިލްކުރުމަށް އެދޭ ކަމަށާއި އަދި އިތުރު މައުލޫމާތު ހޯދުމަށް ރަސްމީ ގަޑީގައި 4000488، 4000497 ނަމްބަރު ފޯނަށް ގުޅުމަށް އެދޭ ކަމަށެވެ.