ދުނިޔެ

ކޮވިޑުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ސްރީލަންކަންގެ ޕެސެންޖާ ފުލައިޓެއް ކާގޯ ފުލައިޓަކަށް ބަދަލުކޮށްފި

މުހައްމަދު އައުޒަމް

ކޮވިޑު 19ގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ސްރީލަންކަން އެއާލައިންސްގެ ޕެސެންޖާ ފުލައިޓެއް ކާގޯ ފުލައިޓަކަށް ބަދަލުކޮށްފިއެވެ.

ސްރީލަންކަން އެއާލައިންސްގެ ޗެއާމަން އަޝޯކް ޕަތިރަގެ ވިދާޅުވީ ކާގޯ އުފުލުމަށް މުޅި ފުލައިޓަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި ފުލައިޓުގެ ލޯވާ ޑެކާ އެއްގޮތަށް ފަސިންޖަރުން ތިބޭ މެއިންޑެކް ވެސް ކާގޯ ޖެހޭގޮތަށް ބަދަލު ގެނެސްފައިވާ ކަމަށް ވިދާޅުވިއެވެ.

އަޝޯކް ވިދާޅުވީ މިކަމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އެކްސްޕޯޓް އިމްޕޯޓް އިންޑަސްޓްރީއަށް އެހީތެރިވެދިނުން ކަމަށާއި އެގޮތުން ދުނިޔޭގެ ކާގޯ އެއްގައުމުން އަނެއްގައުމަށް ގެންދިއުމުގައި އެހީތެރިވެދޭނެ ކަމަށެވެ. އަދި މީގެ އިތުރުން ކޮވިޑުގެ ސަބަބުން ލިބިފައިވާ ގެއްލުން ކުޑަކުރުމަށް އެއާލައިނަށް ރެވެނިއު އިތުރުކުރުމުގެ މަގުސަދުގައި ކަމަށް އަޝޯކް ވަނީ ވިދާޅުވެފައެވެ.

ފުލައިޓަށް ގެނެސްފައިވާ ހުރިހާ ބަދަލެއް ގެނެސްފައިވަނީ ސްރީލަންކަން އެއާލައިންސްގެ ޓެކްނިކަލް ޓީމުންނެވެ. އަދި ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީންވެސް ވަނީ މިކަމުގެ ހާއްސަ ހުއްދައެއް ދީފައެވެ.

ފަސިންޖަރުން އުފުލާ ފުލައިޓު ކާގޯއަށް އެއްކޮށް ބަދަލުކުރުމުން މިހާރު މި ފުލައިޓުގައި ޖުމްލަ 45 މެޓްރިކް ޓަނުގެ ކާގޯ އުފުލޭނެއެވެ.

ސްރީލަންކަން އެއާލައިންސްގެ ހެޑް އޮފް ކާގޯ ޗަމަރަ ރަނަސިންގް ވިދާޅުވީ ކޮވިޑުގެ ސަބަބުން ފަސިންޖަރުން ދަތުރުކުރުން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓި، ބައިނަލްއަގުވާމީ މާކެޓުގައި އެއާ ފްރައިޓުގެ ޑިމާންޑު ގެއްލިފައިވާ ކަމަށާއި މިގޮތަށް ވަކިން ހާއްސަ ފުލައިޓެއް ބަދަލުކުރުމުން ކަސްޓަމަރުންނަށް ފުލައިޓުން ޖާގަ ލިބި ގެއްލުން ކުޑަވާނެ ކަމަށެވެ.

ސްރީލަންކަން އެއާލައިންސްގެ އޭ330 ގެ ދަތުރުތައް އިއްޔެ ވަނީ ފަށައިފައެވެ.