ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމެޓީ

ބޯޑަރު ހުޅުވާލާއިރު، އެއާޕޯޓް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް، އެސްއޯއީ ކޮމިޓީީގެ މެންބަރުން ޒިޔާރަތް ކުރަނީ

އިބްރާހިމް ޒަކީ

ނިއު ނޯމަލް ގައި ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތައްޔާރުވެފައިވާ މިންވަރު ބެލުމަށް، ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގެ މެންބަރުން އެ އާޕޯޓަށް ވަޑައިގެންނެވުމަށް ނިންމަވައިފިއެވެ.

އެގޮތަށް ނިންމައި އެކަން ފާސް ކޮށްފައިވަނީ މިއަދު އޮތް އެ ކޮމިޓީގެ ބައްދަލުވުމުގައެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި، ރާއްޖޭގެ ތިން އިންޓަނޭޝަނަލް އެއާޕޯޓް ގަމުގައިވާ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، ނ. މާފަރު އެއާޕޯޓާއި ގަން އިންޓަނޭޝަނަލް އެއާޕޯޓުން ނިއު ނޯމަލްއަށް ތައްޔާރު ވުމުގެ ގޮތުން ކުރަމުން އަންނަ ކަންތައްތަކާބެހޭގޮތުން ވަނީ މަޝްވަރާ ކޮށްފައެވެ.

އެކަމަށްޓަކައި އެތަންތަނުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ ރިޕޯޓެއްވެސް އެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އެކުލަވާލައިފައެވެ.

އަންނަ ޖުލައި މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވައި ރިސޯޓުތައް ހުޅުވުމުގެ ހުއްދަ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖޭގެ ބޯޑަރު ހުޅުވާލާއިރު ރާއްޖެއަށް އަންނަން 11 އެއާލައިނަކުން މިހާރުވެސް ޖާގަ ނަގާފައިވާ ކަމަށެވެ.