ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަަރަކަށް މުހައްމަދު މައުރޫފް ޖަމީލު އައްޔަން ކުރައްވައިފިއެވެ.
ޕްރައިވަައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން (ޕީސީބީ) އިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމާއި ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމުގެ މަގާމަށް މައުރޫފް ޖަމީލު މިއަދު އައްޔަންކޮށްފައިވާ ކަމަށެވެ.
މައުރޫފް ވަނީ މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރި ހުޅުމާލޭ ތަރައްގީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު އަދާކުރައްވައިފައެވެ. އެއިރު އެޗްޑީސީ އުފައްދައިފައެއް ނުވެއެވެ. އެޗްޑީސީ އުފެއްދިފަހުން މައުރޫފް ވަނީ އެ ކުންފުނީގެ މުހިންމު މަގާމުތަކެއް އަދާކުރައްވައިފައެވެ. އެގޮތުން އެ ކުންފުނީގެ ސީއީއޯގެ މަގާމު ދުވަސްކޮޅަކަށް ފުރުއްވިއެވެ. އަދި ވަނީ ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)ގެ މުހިންމު މަގާމުތަކެއް ވެސް އަދާކުރައްވައިފައެވެ.
މީގެ އިތުރުން މައުރޫފް ވަނީ ރައީސް މައުމޫންގެ ވެރިކަމުގެ ފަހު ދައުރުގައި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ މިނިސްޓަރުގެ މަގާމު ވެސް ފުރުއްވައިފައެވެ.
އާކިޓެކްޗާ ހެރިޓޭޖުގެ ދާއިރާއިން މައުރޫފް މިހާރު ވެސް ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަަރުގެ މަގާމަށް މައުރޫފް އައްޔަންކޮށްފައި މިވަނީ، ކުރިން އެ މަގާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު އިއްޔެ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އޭނާ އިސްތިއުފާ ދެއްވައިފައިވަނީ ބިންވެރިޔާސް ސްކީމުގެ އުސޫލާ ހިލާފަށް ބަޔަކަށް ގޯތި ދިން މައްސަލައަކާއި ޕީއެންސީގެ ޕީޖީ ގްރޫޕުގެ ބައެއް މެންބަރުންނަށް ބިޑަކާ ނުލައި އަގުހެޔޮކޮށް ހުޅުމާލެއިން ވިއްކައިފައިވާ ކަމުގެ ތުހުމަތުތަކެއް ކުރެވުމާ ގުޅިގެންނެވެ. ބިންވެރިޔާ ސްކީމުގެ އުސޫލާ ހިލާފަށް ގޯތިދިން ކަމަށް ތުހުމަތުވާ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވަނީ ފަޒުލްގެ ޕާސްޕޯޓު ހިފަހައްޓައިފައެވެ. އިސްތިއުފާ ދެއްވި އިރު ފަޒުލް ހުންނެވީ ސަސްޕެންޝަންގައެވެ.
ފަޒުލްގެ އިތުރުން އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފް (ޑީޑީ) ފިޔަވައި އެ ކުންފުނީގެ ބޯޑުގެ ހުރިހާ ބޭފުޅުން ވަނީ ސަސްޕެންޑްކޮށްފައެވެ. އަދި ފަހުން ވަނީ، މެނޭޖްމަންޓުގެ އިސް ބަޔަކު ވެސް ސަސްޕެންޑްކޮށްފައެވެ. އަދި މި މައްސަލައާ ގުޅިގެން އެމްޑަބްލިޔުއެސްސީން ވަނީ ފަޒުލްގެ ބޭބެ ފަޒީލް ރަޝީދު ވެސް ޒިންމާތަކުން އެކަހެރިކޮށް ސަސްޕެންޑް ކޮށްފައެވެ. އަދި ޑެޕިއުޓީ މިނިސްޓަރުން ހިމެނޭހެން، ހައުސިން މިނިސްޓްރީގެ ނުވަ ސިޔާސީ މުވައްޒަފަކު ވަނީ ސަސްޕެންޑް ކޮށްފައެވެ.
އެ މައްސަލައާ ގުޅިގެން ފަޒުލް ރަޝީދާއި އޭނާގެ ބޭބެ، އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނޭހެން 20 މީހެއްގެ ޕާސްޕޯޓުވެސް ވަނީ ހިފަހައްޓައިފައެވެ.
މީގެ އިތުރުން ކުރީ ސަރުކާރުގެ ގެދޮރުވެރިން ޕްރޮގްރާމުގެ ދަށުން ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމުގެ ތެރެއިން ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމަށް އުފެއްދި ފްލެޓް ކޮމިޓީގައި ހިމެނިވަޑައިގެންނެވި، އެ ކޮމިޓީގެ ޗެއާމަން، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކުރަމް ކަމާލުއްދީނާއި ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް، ހައުސިން މިނިސްޓްރީގެ ކުރީގެ ޑިރެކްޓާ ޖެނެރަލް އަހުމަދު ވިޝާން ނަސީމް އަދި ހައުސިން މިނިސްޓްރީގެ ކުރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރު ލިރުގަމް ވަހީދުގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓައިފައެވެ.