އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވެފައިވާ، ކަރަންޓުގެ މައްސަލަ ހައްލުނުވާ މައްސަލައިގައި ސުވާލު ކުރުމަށް ފެނަކަ ކޯޕަރޭޝަނުގެ އިސްވެރިން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދޭން، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު އަޒާން އެދިވަޑައިގެންފިއެވެ.
އެކަމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުއްރަހީމް އަަބުދު ﷲ އަށް އަޒާން ފޮނުއްވި ސިޓީގައި ވަނީ، އައްޑޫ ސިޓީގެ ރައްޔިތުންނާއި ފެނަކަ ކޯޕަރޭޝަންގެ އައްޑޫ އޮފީހުގައި ތިބި މީހުންގެ ފަރާތުން ލިބުނު މައުލޫމާތަށް ބަލާއިރު، ކަރަންޓް މައްސަލައަށް ހައްލު ނުލިބި ދިގުލައިގެން ދިއުމުގައި ފެނަކައިގެ އިސްވެރިންގެ އިހުމާލާއި ފަރުވާކުޑަކަން އޮތް ކަމަށް ދެކޭ ކަމަށެވެ.
އޭގެ ތެރޭގައި އައްޑޫ އިންޖީނުގެއަށް ބޭނުންވާ ބައެއް ސްޕެއާތަކަށް، ހެޑް އޮފީހުގައި ރިކުއެސްޓް ކުރިތާ އަހަރަކަށް ވުރެ ގިނަ ވެގެންދިޔަ އިރުވެސް ލިބިފައިނުވާ ކަމަށް އެނގިފައިވާ ކަމަށާއި އައްޑޫގައި ހިންގާ އިންޖީނުގޭގައި މިވަގުތު ހުރި 17 އިންޖީނުގެ ތެރެއިން މަސައްކަތް ކުރަނީ 13 އިންޖީނެއް ކަމަށާއި ހަތަރު އިންޖީނަކަށް މައްސަލަ ދިމާވެފައިވާ އިރު، އޭގެ ތެރެއިން އެންމެ އިންޖީނެއް ފިޔަވައި ދެން ހުރި ތިން އިންޖީނު ހުރީ މަރާމާތު ނުކުރެވޭ ހާލަތުގައިކަން އަޒާން ވަނީ ފާހަގަކުރައްވައިފައެވެ.
އައްޑޫ ކަރަންޓްގެ މައްސަލައަށް ހައްލު ހޯދުމަށްޓަކައި މިމަހު 14 ވަނަ ދުވަހު އޭނާ އާއި އައްޑޫ ސިޓީއަށް ނިސްބަތްވާ އެހެން ބައެއް މަޖިލިސް މެންބަރުން ހިމެނޭ ގޮތަށް ފެނަކައިގެ އިސްވެރިންނާ ބައްދަލު ކުރުމުން، އެ މައްސަލަ ހައްލުކުރުމަށް ބޭނުންވާ ސްޕެއާތައް ހަތް ދުވަހުގެ ތެރޭގައި އައްޑުއަށް ފޮނުވާނެ ކަމަށް، މެނޭޖިން ޑިރެކްޓަރު ހިމެނިވަޑައިގަންނަވާ ގޮތަށް ކުންފުނީގެ އިސްވެރިންގެ ފަރާތުން ޔަގީންކަން ދިން ނަމަވެސް އިއްޔެ އާއި ހަމައަށް އެއްވެސް ސްޕެއާއެއް އައްޑުއަށް ލިބިފައި ނެތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އެ މައްސަލައިގައި އަޒާން އެދިވަޑައިގެންފައި ވަނީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހު އާއި ކުރީގެ ޕްރޮކިއުމަންޓް ހެޑް އަބްދުލް ވާހިދު އާއި މިހާރު ޕްރޮކިއުމަންޓް ހެޑް މަރިޔަމް ޝަހުލާ އާއި ޗީފް ފައިނޭންޝަލް އޮފިސަރ އަބްދުﷲ ވަހީދު އާއި ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު މުހައްމަދު މަސްއޫދުގެ އިތުރުން ޗީފް ޓެކްނިކަލް އޮފިސަރު އަބްދުﷲ ނާޝިދު ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) އަށް ހާޒިރުކޮށްދިނުމަށެވެ.