ކުއްލި ޚަބަރު

ސިފައިންނާއި ފުލުހުންގެ ފްލެޓްތަކުގެ މަސައްކަތްކުރާ ބިދޭސީން ހަޅުތާލުކުރަނީ

ސިފައިންނާއި ފުލުހުންނަށް ހުޅުމާލޭގައި އިމާރާތް ކުރާ ފްލެޓްތަކުގެ މަސައްކަތްކުރާ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދީގެން ހަޅުތާލުކުރަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "ވަން" އަށް ވިދާޅުވީ، އެ ފްލެޓްތަކުގެ މަސައްކަތްކުރާ ބިދޭސީން އެ ސައިޓު ތެރޭގައި ތިބެ ހިތްހަމަނުޖެހުން ފާޅުކުރަމުން އަންނަ ކަމަށާއި އެތަނުގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިނގާފައިވާ ކަމުގެ މައުލޫމާތެއް ލިބިފައިނުވާ ކަމަށް އޮފިޝަލު ވިދާޅުވިއެވެ.

ފުލުހުން އިތުރަށް ބުނީ، ކުންފުނިން އެމީހުންނާ ވާހަކަ ދައްކައިގެން އެ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ހަޅުތާލު ކުރަމުން އަންނަ ބިދޭސީން ވަނީ އެމީހުންނަށް ފަސް މަހުގެ މުސާރަ ނުލިބޭ ކަމަށާއި ރަނގަޅަށް ކާން ވެސް ނުދޭ ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

ސިފައިންނާއި ފުލުހުންނަށް ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ މަސައްކަތުގައި އުޅޭ ބިދޭސީން މީގެ ދެ އަހަރު ކުރިން ވެސް މިފަދަ މައްސަލައެއްގައި ހަޅުތާލުކޮށްފައިވެއެވެ.