ދުނިޔެ

ޔޫކޭއިން ކޮވިޑުގެއާ ވެކްސިނެއް އިންސާނުންގެ ގަޔަށް ޖަހައި ޓެސްޓު ފަށައިފި

މުހައްމަދު އައުޒަމް

ޔޫކޭއިން ކޮވިޑުގެއާ ވެކްސިނެއް އިންސާނުންގެ ގަޔަށް ޖަހައި ޓެސްޓު ފަށައިފިއެވެ.

މިވެކްސިން ޓެސްޓުކުރުމަށް ކުރިޔަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭ 300 އަށް ވުރެން ގިނަ މީހުންގެ ގަޔަށް ވެކްސިން ޖަހައި ޓެސްޓު ތަހުލީލު ކުރާނެ ކަމަށް ޔޫކޭގެ އިމްޕީރިއަލް ކޮލެޖްގެ ޕްރޮފެސަރު ރޮބިން ޝަޓޮކް ގެ ޓީމުން ވަނީ ބުނެފައެވެ.

ވެކްސިން އެންމެ ފުރަތަމަ ޖަހާފައިވަނީ ވޮލެންޓިއަރުންގެ ތެރެއިން 39 އަހަރުގެ އަންހެނަކަށެވެ. އޭނާވަނީ ކޮވިޑާ ދެކޮޅަށް ކުރަމުން އަންނަ ހަނގުރާމައިގައި ބައިވެރިވުމަށް ވޮލެންޓިއަރެއްގެ ގޮތުން މިކަމަށް ކުރިމަތިލީ ކަމަށް ބުނެފައެވެ.

މިވެކްސިން ވަނީ ޖަނަވާރުންނަށް ޓެސްޓުކޮށް ކާމިޔާބު ކޮށްފައެވެ. ނަތީޖާ ދައްކާގޮތުން ޖަނަވާރުންނަށް މިވެކްސިން އިމިއުންކުރުމުގައި މައްސަލައެއް ދިމާވެފައެއް ނުވެ އެވެ.

ފުރަތަމަ ފޭހަށްފަހު އަންނަ އޮކްޓޫބަރު މަހު 6000 މީހުންގެ ހަށިގަނޑުގައި މި ވެކްސިން ޓެސްޓު ކުރުމަށް ނިންމާފައިވާކަމަށް ރޮބިން ޝަޓޮކް ގެ ޓީމުން ވަނީ ބުނެފައެވެ. މި ޓީމުން ވަނީ ވެކްސިންގެ ޓެސްޓުތައް ކާމިޔާބުވެ އަންނަ އަހަރު ޔޫކޭގެ އިތުރުން ދުނިޔޭގެ އެހެން ހިސާބުތަކަށް ވެކްސިން ފޯރުކޮށްދޭނެ ކަމަށްވެސް ބުނެފައެވެ.

މީގެ ކުރިން އޮކްސްފޯޑް ޔުނިވާސިޓީގެ ޓީމަކުންވެސް ވަނީ އިންސާނުންގެ މެދުގައި ވެކްސިނެއް ޓެސްޓު ކުރުމުގެ މަސައްކަތް ފަށައިފައެވެ.

ކޮވިޑާދެކޮޅަށް މިހާތަނަށް އަދި އެއްވެސް ވެކްސިނެއް ހޯދިފައި ނުވާއިރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މާހިރުން ވަނީ ވެކްސިން އުފެއްދުމުގެ މަސައްކަތް ފަށައިފައެވެ. މިހާތަނަށް 120 އަށް ވުރެން ގިނަ ވެކްސިން ޓެސްޓު ކުރަމުން އެބަ ދެއެވެ.