އިބްރާހިމް ޒަކީ
ކޮވިޑް ޓެސްޓަށް ސާމްޕަލް ދޭން ދެކޮޅު ހެދި ދެމީހެއްގެ ސާޕަލް ނެގުމަށް ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ކޮށްފައިވާ އަމުރު ތަންފީޒު ކުރުމަށް ފުލުހުންނަށާއި އެކަމުގައި ޝާމިލްވާ ފަރާތަތްކަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.
ސިވިލް ކޯޓުން ބުނީ އެ ދެއަމުރު ނެފެފައިވަނީ ރޭގެ ވަގުތެއްގައި ކަމަށެވެ.
ނަމަވެސް ކޮވިޑް 19 އަށް ޓެސްޓްގެ ސާމްޕަލް ދޭން ދެކޮޅު ހެދީ ކޮން ދެފަރާތެއް ކަމެއް ކޯޓުން ބުނެފައެއް ނުވެއެވެ.
އަލާމާތްތައް ހުންނަ މީހުންނާއި ޕޮސިޓިވް ވާ މީހުންނާ ކޮންޓެކްޓް ވާ ފަރާތްތަކުގެ އިތުރުން، މާލެއާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ކޮވިޑް 19 އަށް ސާމަޕަލް ނެގުމުގެ މަސައްކަތްތަކެއް އެޗްޕީއޭއިން އަންނަނީ ކުރަމުންނެވެ. ރެންޑަމްކޮށް ކުރިއަށް ގެންދާ އެ މަސައްކަތުގައި މަގުމަތިންދާ މީހުންނާއި ވެހިކަލުގައި ދާ މީހުން ހުއްޓުވައި ސާމްޕަލް ނަގައެވެ.
ކޮވިޑާބެހޭ ރާއްޖޭގެ އެންމެ ފަހުގެ ހިސާބުތަކުން ދައްކާ ގޮތުގައި، ރާއްޖޭގައި ކޮވިޑް 19އަށް ފަރުވާ ހޯދަމުންދިޔަ އިތުރު 10 މީހަކު އިއްޔެ ވަނީ ބަލިން ރަނގަޅުވެފައެވެ. އެހެންކަމުން ބަލިން ފަސޭހަވީ މީހުންގެ ޖުމުލަ މިހާރު ވަނީ 1839 އަށް އަރައިފައެވެ.
ރާއްޖޭގައި ޖުމްލަ 2260 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު، މިހާރު ކޮވިޑަށް ފަރުވާ ހޯދަމުން އަންނަނީ ޖުމްލަ 408 މީހެކެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވް ވި މީހުންގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހެކެވެ.