މުހައްމަދު އައުޒަމް
ޕާކިސްތާނުގެ ފްލައިޓު ވެއްޓުނީ ޕައިލެޓާއި އެއާ ޓްރެފިކް ކޮންޓްރޯލްގެ އިހުމާލުން ކަމަށް ތަހުގީގު ރިޕޯޓުން ހާމަ ވެއްޖެއެވެ.
މިދިޔަ މަހުގެ 22 ވަނަ ދުވަހު ކަރާޗީގެ ގެތަކެއްގެ މައްޗަށް ވެއްޓުނު ޕާކިސްތާނު އެއާލައިންސްގެ ފްލައިޓް ވެއްޓުމާ ގުޅިގެން އެގައުމުން ހިންގި ތަހުގީގު ރިޕޯޓު ޕާކިސްތާނުގެ މަޖިލީހަށް ހުށަހަޅައިދެއްވަމުން އޭވިއޭޝަން މިނިސްޓަރު ގުލާމް ސަވާރް ހާން ވަނީ ޕައިލެޓާއި އެއާ ޓްރެފިކް ކޮންޓްރޯލުން ޕްރޮޓޮކޯލްތަކާ ހިލާފު ވެފައިވާ ކަމަށް ވިދާޅުވެފައެވެ.
ލާހޯރުން ކަރާޗީއަށް ދަތުރު ކުރަނިކޮށް ޕާކިސްތާން އެއާލައިންސްގެ އޭ 320 މަރުކާގެ ފްލައިޓު ވެއްޓުމުގައި ފްލައިޓުގައި އެއްވެސް މައްސަލައެއް ހުރިކަން ތަހުގީގަށް ފާހަގަ ވެފައި ނުވާ ކަމަށް މިނިސްޓަރި ވަނީ ވިދާޅުވެފައެވެ. ރިޕޯޓުގައި ބުނީ، ރަންވޭއަށް ފްލައިޓު ފުރަތަމަ ޖެއްސުމަށް ތިރިކޮށް ލޭންޑިން ގިއަރު ޑިޕްލޯއީ ކުރުމުގައި ފެއިލް ވެފައިވާ ކަމަށާއި އަދި ރަންވޭގައި ފްލައިޓު ޖެހި ގެއްލުން ވެފައިވާ ކަމަށެވެ.
ފްލައިޓު ވެއްޓިފައިވަނީ ދެވަނަ ފަހަރަށް ޖެއްސުމަށް ޓަކައި އަނބުރާލައި ދަތުރުކުރަނިކޮށް ޖިންނާން އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި މީހުން ދިރިއުޅޭ ގެތަކުގެ މައްޗަށެވެ. ރިޕޯޓުގައި ވާގޮތުން ދެވަނަ ފަހަރަށް ފްލައިޓު ރަންވޭ އަށް ޖަައްސަން ދަތުރުކުރި ވަގުތު އެއާޓްރެފިކް ކޮންޓްރޯލުން ޕައިލެޓަށް ފްލައިޓުގެ އިންޖީނަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން އަންގާފައެއް ނުވެއެވެ.
ކޮންޓްރޯލް ޓަވަރުން ފްލައިޓު ދަތުރުކުރާ އުސްމިން މައްޗަށް ޖެއްސުމަށް ޕައިލެޓަށް އެންގި ނަމަވެސް އެކަމަށް ފަރުވާލެއް ނުދީ އަމިއްލައަށް މެނޭޖް ކުރާނެކަމަށް ޕައިލެޓް ބުނެފައިވާ ކަމަށްވެސް ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ.
މިނިސްޓަރު ވިދާޅުވީ މިރިޕޯޓަކީ ފައިނަލް ރިޕޯޓް ނޫން ކަމަށެވެ. އަދި ކަޅުފޮށިން ލިބުނު މައުލޫމާތާއި އިތުރު ތަފްސީލީ މައުލޫމާތާއެކު އަންނަ އަހަރު އިތުރު މައުލޫމާތު ހާމަކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ. ޕާކިސްތާން އެއާލައިންސްގެ އޭ 320 ފްލައިޓު ވެއްޓުމުގެ ހާދިސާގައި 97 މީހުން މަރުވެފައި ވެއެވެ. އަދި ފްލައިޓުން ސަލާމަތް ވެފައިވަނީ ދެ މީހުން ކަމަށް ޕާކިސްތާނުން ވަނީ ބުނެފައެވެ.