ކުއްލި ޚަބަރު

ބާސާ އާއި ސެލްޓަވިގޯ މެޗު ފެށުމުގެ ކުރިން ގެނެސްދޭ އިސްތިހާރުގެ ވަގުތުކޮޅު ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަ

ސްޕެނިޝް ލަލީގާގައި ބާސާ އާއި ސެލްޓަވިގޯ މެޗު ފެށުމުގެ ކުރިން ގެނެސްދޭ އިސްތިހާރުގެ ވަގުތުކޮޅުގައި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓުކުރާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުގެ ރޭ ބާސާ އާއި ސެލްޓަވިގޯ ކުޅޭ މެޗު ފެށުމުގެ ކުރިން ގެނެސްދޭ ރާއްޖޭގެ ފަތުރުވެރިކަމުގެ ހާއްސަ އިސްތިހާރު އެތައް މިލިއަން މީހުންނަށް ފެނިގެންދާނެ ކަމަށެވެ.

"ލަލީގާގެ މެޗުތަކުގައި ސެންޓަ ސާކަލްގައި، އެ މެޗެއްގެ ކުރިން އެ އޮންނަ އެޑްވަޓައިޒްމަންޓް ފުރުސަތު ލިބޭ. ސެލްޓަވިގޯ އިން މިހާރު ވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓުކުރުމަށްޓަކައި އަދި ރާއްޖޭގެ ބޯޑާ އޯޕަނިންއަށް ހާއްސަކޮށް މިލިއަންސް އޮފް ޓޫވީ ވިއުއާސްއަށް މެޗު ފެށުމުގެ ކުރިން އެ އަންނަ ވަގުތު ދިވެހިރާއްޖެއަށް ހާއްސަކޮށްދީފައި. އެނގިވަޑައިގަންނަވާނެ އެއީ ލިއޮނެލް މެސީ އާއި ބާސެލޯނާގެ ވިއުއާސްއަށް ބެލިޔަސް ދުނިޔޭގެ އެތައް މިލިއަން މީހުން ބަލާނެ." މިނިސްޓަރު ވިދާޅުވިއެވެ.

ސްޕެނިޝް ލަލީގާގައި ވާދަކުރާ ސެލްޓަވިގޯ އިން ވަނީ ރާއްޖެ އިސްތިހާރުކުރުމަށް އެއްބަސްވެފައެވެ. އެ އެއްބަސްވުމުގެ ދަށުން އިސްތިހާރުކުރުމަށް ރާއްޖެއިން އަހަރަކު 900،000 ޑޮލަރު ހަރަދުކުރާނެއެވެ. އެ އެއްބަސްވުމަކީ ތިން އަހަރު ދުވަހުގެ އެއްބަސްވުމެކެވެ.

އެ އެއްބަސްވުމުގެ ދަށުން ސެލްޓާގެ ޖާޒީތަކުގައި ސަނީ ސައިޑް އޮފް ލައިފް، ވިޒިޓް މޯލްޑިވްސްގެ ލޯގޯ ކުރިއަށްއޮތް ތިން އަހަރު ބޭނުންކުރާނެއެވެ. ސެލްޓާގެ އޮފިޝަލް ސްޕޮންސަރު އަދި އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަނަކަށް ރާއްޖެ ހަމަޖެހުމާއެކު އޮފިޝަލް މެޗު ޖާޒީގައާއި ޓްރޭނިން ޖާޒީގައާއި ސްޓާފުންނާއި ޓްރޭނިން ސްޓާފުންގެ ޔުނިފޯމުތަކުގައި ވެސް ވިޓިޒް މޯލްޑިވްސްގެ ލޯގޯ ބޭނުންކުރާނެއެވެ. އަދި ވިއްކަން ބެހެއްޓިފައި ހުންނަ ޖާޒީތަކުގައާއި ކްލަބު ދަތުރުކުރަން ބޭނުންކުރާ ބަހުގައި ވެސް ވިޒިޓް މޯލްޑިވްސްގެ ޖާޒީ ބެހެއްޓިގެންދާނެއެވެ.

ސެލްޓާގެ ސްޓޭޑިއަމްގައި ކުޅޭ މެޗުތަކުގައި ޕެރިމީޓާ ލެޑް ސްކްރީނުގައި ރާއްޖޭގެ ވީޑިއޯ ދެއްކުމުގެ އިތުރުން އެކްލަބުން ކަނޑައަޅާ އުސޫލެއްގެ ދަށުން އެކްލަބުގެ ކުޅުންތެރިން ރާއްޖެ އިސްތިހާރުކުރުމަށް ވެސް ބޭނުންކުރާނެއެވެ.