މިއަހަރުގެ ފަހުކޮޅު އިތުރު ރަށްތައް ފަތުރުވެރިކަމަށް ހުޅުވައިލަން ނިންމައިފިއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ ކޮވިޑް 19ގެ ހާލަތާ ކުރިމަތިލާން ޖެހުނީ އެ މަސައްކަތް ނިމިފައި އޮއްވައި ކަމަށެވެ.
"ވަރަށް ގިނަ ރައްޔިތުން އުންމީދުކުރަމުންދިޔަ އަލަށް ޓޫރިސްޓް ރިސޯޓުތައް ސަރުކާރުން ނެރެން. އެނގިވަޑައިގަންނަވާނެ އެ މަސައްކަތް ނިމިފައި އޮއްވައި ކޮވިޑު މިއައީ. އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މި މައްސަލަ ދިރާސާކޮށްފައި އަޅުގަނޑުމެން މިއަހަރު ފަހުކޮޅު އަދި މިއަންނަ އަހަރުގެ ތެރޭގައި ބައިބަޔަށް އޯޕަން ބިޑަށް ރަށްތައް ނެރުމުގެ ވިސްނުން ސަރުކާރުގެ އެބައޮތް،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ފަތުރުވެރިކަން ގެންދަން ރައްޔިތުން ބޭނުންވާ ކަމަށާއި ކުރިން އިއުލާނުކުރެވުނު ސަރަހައްދުތަކަށް ހާއްސަކުރެވޭ ރަށްތައް އިއުލާނުކުރާނެ ކަމަށެވެ.
"އެނގިވަޑައިގަންނަވާނެ ހދ، ހއ، އުތުރު ސަރަހައްދުތައް، ދެކުނުގެ ސަރަހައްދުތައް، ލ. އަތޮޅު، ތ. އަތޮޅު، ފ. އަތޮޅު، އަޅުގަނޑުމެން ވާނީ މީގެކުރިން އިއުލާނުކޮށްފައި. އެހެންވީމާ އެ އަތޮޅުތަކަށް ކަނޑައެޅޭ ރަށްތަކާ ގުޅޭގޮތުން ދެން މި ރަށްތައް ނެރޭނެ ތާރީހު އިކޮނޮމިކް ރިވައިވަލް މަސައްކަތް ރައީސް އޮފީހުގައި މިހާރު މިދާ ޓާސްކްފޯހާ އެއްކޮށް ކޮށްފައި އަޅުގަނޑުމެން އިއުލާނުކުރާނަން. އަޅުގަނޑުމެންނަށް މިރޭ ދަންނަވާލަން ކެރިދާނެ މިއަހަރުގެ ފަހުކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް ބައެއް ރަށްތައް ނެރެވޭނެ." މިނިސްޓަރު ވިދާޅުވިއެވެ.