ކުއްލި ޚަބަރު

މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިނަށްވުރެ ފުރިހަމައަށް ރިސޯޓުތައް ނިއު ނޯމަލްއަށް ތައްޔާރުވާނެ: މިނިސްޓަރު

އަލީ ޔާމިން

ޓޫރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ގައިޑްލައިނަށްވުރެ ފުރިހަމައަށް ރިސޯޓުތައް ނިއު ނޯމަލްއަށް ތައްޔާރުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އަންނަ މަހުގެ 15 ވަނަ ދުވަހު ބޯޑަރުތައް ހުޅުވާލައި ރިސޯޓުތައް ހުޅުވާލާއިރު، އެކަމަށް ރިސޯޓުތަކުން ދުރާލާ ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ.

އެގޮތުން ފަތުރުވެރިން ގެނައުމުގައި އަމަލުކުރާނެ ގޮތާއި ރިސޯޓުތަކުގައި ފުރިހަމާން ޖެހޭނެ ކަންކަން ހިމަނައި ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ގައިޑްލައިނަށްވުރެ ފުރިހަމައަށް ނިއު ނޯމަލްއަށް ރިސޯޓުތައް ތައްޔާރުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"އެ ރިސޯޓުތަކުންވެސް ވަނީ އަމިއްލަ އެސްއޯޕީތަކެއް އެކުލަވާލާފައި ޓޫރިސްޓުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ ތެރެއިން ކޮވިޑުގެ އަލާމާތްތައް ހުންނަ ޓޫރިސްޓުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޓެސްޓު ކުރެވޭނެ ކަމަށެވެ. އަދި ރިސޯޓެއްގައި ހުއްޓައި ކޮވިޑަށް ފަތުރުވެރިޔަކު ޕޮޒިޓިވްވެއްޖެ ނަމަ އެ ރިސޯޓެއްގައި އެކަހެރިވެވޭނެ ކަމަށާއި ރިސޯޓުން އެގޮތް ބޭނުން ނުވާކަމުގައި ވަނީނަމަ ރިސޯޓުގެ ހަރަދުގައި ސަރުކާރުގެ ކަރަންޓީން ފެސިލިޓީއެއްގައިވެސް ޓޫރިސްޓުންނަށް ތިބެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ސަރުކާރުން އަމާޒު ހިފާފައިވަނީ މިއަހަރު ރާއްޖެއަށް 850،000 ފަތުރުވެރިން ގެނައުމަށެވެ.