ކުއްލި ޚަބަރު

ގަބޫލުކުރަންވީ ހަގީގަތަކީ ރާއްޖެއަށް ކޮވިޑް އިމްޕޯޓު ވާނެކަން އަދި ރާއްޖޭން ބޭރަށް އެކްސްޕޯޓު ވެސް ވާނެކަން: އަލީ ވަހީދު

އަލީ އަފާފު ރަމީޒު

ގަބޫލުކުރަންވީ ހަގީގަތަކީ ރާއްޖެއަށް ކޮވިޑް އިމްޕޯޓު ވާނެކަން އަދި ރާއްޖޭން ބޭރަށް އެކްސްޕޯޓު ވެސް ވާނެކަން ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ ވަހީދު ވިދާޅުވީ ޓޫރިސްޓުން ރާއްޖެ އަންނަނީ ޗުއްޓީ ހޭދަކުރަން ކަަމަށާއި ކޮންމެ މީހަކު ޓެސްޓު ކުރުމަކީ ޓޫރިޒަމް ހުޅުވާލައިގެން ކުރެވޭނެ ކަމެއް ނޫން ކަަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކިރިޔާވެސް ސިމްޓަމްތައް ހުރިނަމަ ޓެސްޓް ހަދާނެ ކަަމަށާއި ރެންޑަމް ސާމްޕަލް ވެސް ނަގާނެ ކަމަށެވެ. އަދި އެއާޕޯޓުގައި ހުރިހާ ކަމެއްވެސް ކުރިއަށް ގެންދާނީ ރައްކާތެރިކަމާއެކު އަޅަންޖެހޭ ހުރިހާ ފިޔަވަޅެއް އަޅައިގެން ކަމަށްވެސް ވިދާޅުވިއެވެ.

"ގަބޫލުކުރައްވަންވާނެ ދުނިޔޭގައި މި ބަލި އޮތްހާ ހިނދަކު ބަލި ހަމަ މިކޮޅަށް އިމްޕޯޓް ވާނެ މިކޮޅުން އެކްސްޕޯޓްވެސް ވާނެ. މިކޮޅުގައިވެސް އެބައޮތް، އެހެންވީމަ އެރިއަލިޓީ ގަބޫލުކުރަންވާނެ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ ރައްކާތެރިކަމަށް ސަރުކާރުން ފިޔަވަޅުތައް އަޅާފައިވާ ކަަމަށާއި އެކަންކަން ދިރާސާ ކުރުމަށް ބޭނުންވާނަމަ ކުރުމަށްވެސް އެދޭ ކަމަށެވެ.

ރާއްޖޭގެ ބޯޑަރު ހުޅުވާލަން ނިންމާފައި އެވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ސޭފްޓީ އާއި ކޮންވީނިއަންސް ބެލެންސްކުރުމަށްފަހު ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.