ކުއްލި ޚަބަރު

ސަރުކާރާ ހަވާލުވިއިރު ފަތުރުވެރިކަމާ ބެހޭ ތަފާސް ހިސާބެއް މިނިސްޓްރީގައި ފެންނާކަށް ނެތް: އަލީ ވަހީދު

އަލީ ޔާމިން

ސަރުކާރާ ހަވާލުވިއިރު ފަތުރުވެރިކަމާ ބެހޭ ތަފާސް ހިސާބެއް މިނިސްޓްރީގައި ފެންނަން ނެތް ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ސަރުކާރާއި ހަވާލުވިއިރު ފަތުރުވެރިކަމާ ބެހޭ ތަފާސް ހިސާބެއް ޓޫރިޒަމް މިނިސްޓްރީގައި ފެންނަން ނެތް ކަމަށާއި އެހެންކަމުން ފަތުރުވެރިކަމާ ބެހޭ ތަފާސް ހިސާބު ހޯދުމަށް ފުލުހުންނާއި ގުޅިގެން މިނިސްޓްރީން ހާއްސަ އޮޑިޓެއް ކުރި ކަމަށެވެ.

"އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު ފަތުރުވެރިކަމާ ބެހޭ އެއްވެސް ތަފާސް ހިސާބެއް މިނިސްޓްރީން ފެންނާކަށް ނެތް. ހުރީ 2012ގެ ތަފާސް ހިސާބުތަކެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީން ފުލުހުންނާ ގުޅިގެން ކުރި އޮޑިޓުން ވަރަށް ގިނަ މައުލޫމާތު އެއްކުރެވުނު ކަމަށެވެ. އެގޮތުން އެއްކުރެވުނު އެންމެ މުހިންމު މައުލޫމާތަކީ ރިސޯޓުތަކުގައި ދިވެހި މުވައްޒަފުން އުޅޭ މިންވަރު ކަމަށް ވިދާޅުވިއެވެ.

"59 ރިސޯޓު އޮތީ 45 ޕަސަންޓަށް ވުރެ ދަށުގައި. 45 ޕަސަންޓާއި 55 ޕަސަންޓާ ދޭތެރޭގައި 46 ރިސޯޓެއް. އަދި 55 ޕަސަންޓަށް ވުރެ މަތިން 35 ރިސޯޓެއް އޮތްކަން ވަރަށް އުފަލާއެކު ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

ޖުލައި މަހުގެ 15 ވަނަ ދުވަހު ބޯޑަރުތައް ހުޅުވާލައި ފަތުރުވެރިން ރާއްޖެ ގެންނަން ފަށާއިރު މިނިސްޓްރީގެ އަމާޒަކީ ރިސޯޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންގެ މެޖޯރިޓީއަކީ ދިވެހިންނަށް ހެދުމެވެ.