ކުއްލި ޚަބަރު

ބޯޑަރު ހުޅުވާލާ އިރު ރާއްޖެއަށް އަންނަން 11 އެއާލައިނަކުން މިހާރު ވެސް ވަނީ ޖާގަ ނަގާފައި: އަލީ ވަހީދު

އަލީ ޔާމިން

ބޯޑަރު ހުޅުވާލާ އިރު ރާއްޖެއަށް އަންނަން 11 އެއާލައިނަކުން މިހާރު ވެސް ޖާގަ ނަގާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވައި ރިސޯޓުތައް ހުޅުވުމުގެ ހުއްދަ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އިއްޔެ ވިދާޅުވެފައެވެ.

ނޭޝަނަލް އިމެޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ބޯޑަރު ހުޅުވާލުމާއެކު ރާއްޖެއަށް ދަތުރުތައް ޝެޑިއުލް ކުރަން، ކުރިން ރާއްޖެއަށް ދަތުރުކުރި ގިނަ އެއާލައިންތަކާ މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އޭގެ ތެރެއިން ގިނަ އެއާލައިންތަކުން ޖުލައި މަހުގެ ތެރޭގައި ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރާނެ ކަމަށެވެ.

"ބާކީ ހުރި އެއާލައިންތައް ވެސް އޮގަސްޓް މަހުގެ ތެރޭގައި ދަތުރުތައް ފަށާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައި،" މިނިސްޓަރު އަލީ ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ބޯޑަރު ހުޅުވާލާ ދުވަހުވެސް ތިން ފްލައިޓް ސްލޮޓެއް ބުކްކޮށްފައިވާ ކަމަށާއި ފުރަތަމަ ފްލައިޓް އެ ދުވަހުގެ ހެނދުނު އަންނާނެ ކަމަށެވެ.

ބޯޑަރުތައް ހުޅުވާލާއިރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވެސް އޮތީ އެކަމަށް ތައްޔާރަށް ކަމަށް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ. އެގޮތުން ކޮންމެ 20 މިނެޓަކުން ފްލައިޓު ޖައްސާ ކްލިއަރެންސް ހެދޭ ވަރުގެ ކެޕޭސިޓީ އެބަހުރި ކަމަށް އެމްއޭސީއެލުން ބުނެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.