ކުއްލި ޚަބަރު

"ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ރައްކާތެރިކަމާއެކު ހުރިހާ ހިދުމަތެއް ދޭން ވީއައިއޭ ވަނީ ފުރިހަމައަށް ތައްޔާރުވެފައި"

އަލީ އަފާފު ރަމީޒު

ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް ރައްކާތެރިކަމާއެކު ހުރިހާ ހިދުމަތެއް ދޭން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެއާޕޯޓް ތައްޔާރީ ހާލަތަށް ގެނައުމަށް ހުރިހާ ސްޓޭކް ހޯލްޑަރުންނާއެކު ވޭތުވެދިޔަ ދުވަސްތަކުގައި މަޝްވަރާ ކުރެވެމުން ގޮސްފައިވާ ކަމަށާއި މަޝްވަރާތަކާއެކު މިހާރު ރާއްޖޭގެ އެއާޕޯޓް އޮތީ ހުޅުވާލަން ތައްޔާރަށް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

އަލީ ވަހީދު ވިދާޅުވީ ކުރިއަށް އޮތް ތިން ހަފުތާގެ ތެރޭގައި އެއާޕޯޓުގައި އަޅަންޖެހޭ ފިޔަވަޅުތަކަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތްތައް ކުރާނެ ކަމަށެވެ.

"މާލޭ އެއާޕޯޓުގައި ފްލައިޓް ކްލިއަރަންސްއަށް ނަގާ ޓައިމާ އެއްޗެހި، މިހާރުވެސް 20 މިނެޓް ދޭތެރޭގައި ފްލައިޓުތައް ޖައްސާއިރު ގައިދުރުކަމާ އެއްކޮށް އަޅުގަނޑުމެން މި މީހުން ކުލިއާ ކުރުމުގައި ހަމަ ވަރަށް ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު އެކަން ގެންދާނީ،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސިމްޓަމްތައް ހުރި ވަރަކުން ފަތުރުވެރިން ޓެސްޓް ކުރެވޭނެ ކަމަށާއި ރެންޑަމް ސާމްޕަލްވެސް ނެގޭނެ ކަމަށެވެ. އަދި ބޯޑަރު ހުޅުވާލަނީ އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްފަހު ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ބޯޑަރު ހުޅުވާލަނީ ކުރިއެކޭ އެއްގޮތަށް އޮން އެރައިވަލް ވިސާ ވެސް ލިބޭ ގޮތަށް ކަމަށެވެ.