ކުއްލި ޚަބަރު

ބޯޑަރު ބަންދުވުމާ ގުޅިގެން ތާށިވި 43 ފަތުރުވެރިން ރާއްޖޭގައި އަދިވެސް އެބަތިބި: އަލީ ވަހީދު

ބޯޑަރު ބަންދުވުމާ ގުޅިގެން ތާށިވި 43 ފަތުރުވެރިން ރާއްޖޭގައި އަދިވެސް އެބަތިބި ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކޭސްއެއް އަތުވެއްޖެއްޔާ ނުވަތަ އެއާޕޯޓުގައި ދިމާވެދާނެ ކަންކަމަށް ފިޔަވަޅު އެޅުމަށް ބޯޑަރު ހުޅުވިގެންދާއިރު ޓޫރިޒަމް މިނިސްޓްރީގެ ލައުންޖެއް އެއާޕޯޓުގައި ގާއިމުކުރެވިގެންދާނެ ކަމަށެވެ. އަދި މީގެ ކުރިން ރާއްޖޭން ފުރަތަމަ ކޭސް ފެނުމާއެކު ބައެއް ފަތުރުވެރިން އެއާޕޯޓުގައި ތާށިވިކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ފުރަތަމަ ރާއްޖޭން ބަލި ފެނުމާއެކު ބައެއް ފަތުރުވެރިން އެއާޕޯޓުގައި ސްޓްރޭންޑްވެގެން ވެސް ދިޔަ. އެހެންނަމަވެސް އެޖެންސީތަކާ ގުޅިގެން އަޅުގަނޑުމެންނަށް އޭރު ވަނީ ހައްލުތައް ހޯދިފައި. މިއަދާ ހަމައަށް އައިއިރު، އަދިވެސް ދިވެހިރާއްޖޭގައި 43 ފަތުރުވެރިން ސްޓްރޭންޑްވެފައި އެބަތިބި. އޭގެ ތެރެއިން އެއްބައި ފަތުރުވެރިން މިތިބީ އަޅުގަނޑުމެން ގާއިމުކޮށްފައިވާ ޓްރާންސިޓް ފެސިލިޓީ، އެއީ އޮޅުވެލީގެ ޑްރީމް އައިލެންޑް ފެސިލިޓީ. ދެން ބާކީ ތިބި 16 ފަތުރުވެރިން މިތިބީ ހުޅުމާލޭގައި ހުރި ގެސްޓްހައުސްއެއްގައި،" އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި ތިބި ފަތުރުވެރިންނަކީ މާފުށީގައި ތިބި ފަތުރުވެރިން ކަމަށާއި އެމީހުންގެ އަތުން ފައިސާ ހުސްވުމުގެ ސަބަބުން އެމީހުން އެތަނުގައި ތިބީ ސަރުކާރުގެ އެހީތެރިކަމުގައި ކަމަށެވެ. އަދި އޮޅުވެލި ރިސޯޓުގައި ހުންނަ ޓްރާންސިޓް ފެސިލިޓީގައި ތިބި ފަތުރުވެރިންނަށް ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"ޑްރީމް އައިލެންޑަށް ގެންދިޔަ ފަތުރުވެރިންނަކީ މިނިސްޓްރީ އޮފް ޓޫރިޒަމާއި މިނިސްޓްރީ ފޮރިން އެފެއާޒް ގުޅިގެން އެމީހުން ހަރަދުކުރާ ގޮތަށް ނުވަތަ އެމީހުންގެ ގައުމުން ހަރަދުކުރާ ގޮތަށް ގެންދެވުނު ފަތުރުވެރިން. އެހެންނަމަވެސް ތިން މަސް ވެގެންދިޔައިރު އެމީހުންގެ އަތުން ފައިސާ ހުސްވުމާ ގުޅިގެން އޭގެ ތެރެއިން ފައިސާ ނުދެއްކުނު ފަރާތްތައް ވެސް ބަލަހައްޓަމުން މިގެންދަނީ ދިވެހި ސަރުކާރުން،" އަލީ ވަހީދު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުންނާއި ދިވެހި ސަރުކާރާއި ރައްޔިތުންނަށް ދުނިޔޭގެ މި ބަލިމަޑުކަމުގެ ތެރޭގައި އެހެން ގައުމުތަކުގެ ރައްޔިތުންނަށް ރަނގަޅު އިހުސާންތެރިކަމެއް ދެއްކިގެން ހިނގައްޖެ ކަމަށެވެ.