ކުއްލި ޚަބަރު

"ބޯޑަރު ހުޅުވާލާ އިރު ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޓުއަރިޒަމްގެ މުވައްޒަފުން ވެސް އެއާޕޯޓުގައި ތިބޭނެ"

އަލީ ޔާމިން

ބޯޑަރު ހުޅުވާލާ އިރު ދިމާވާ މައްސަލަތައް ހައްލުކުރުމަށް ޓުއަރިޒަމްގެ މުވައްޒަފުން ވެސް އެއާޕޯޓުގައި ތިބޭނެ ކަމަށް ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، އަންނަ މަހުގެ 15 ވަނަ ދުވަހު ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި ރާއްޖެއަށް ފަތުރުވެރިން ގެނައުމުގެ މަސައްކަތް ފެށޭއިރު، ފަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް(ވީއައިއޭ)ގައި ހާއްސަ ކަންތައްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.

އެގޮތުން ބަލީގެ އަލާމާތްތައް ހުރި މީހުންގެ ޕީސީއާރު ޓެސްޓު ހެދުމާއި ޓެސްޓުގެ ނަތީޖާ ލިބެންދެން އެމީހުންނަށް އެކަހެރިވެގެން ތިބުމުގެ އިންތިޒާމު އެންއީއޯސީއާ ގުޅިގެން ޓޫރިޒަމް މިނިސްޓްރީން ހަމަޖައްސައިދޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރާއްޖެ އަންނަ ފަތުރުވެރިންނަށް އެހީތެރިވުމުގެ ގޮތުންނާއި ބޯޑަރުތައް ހުޅުވާލާއިރު ދިމާވެދާނެ މައްސަލަތައް ހައްލުކުރުމަށް ޓޫރިޒަމް މިނިސްޓްރީގެ ލައުންޖެއް އެއާޕޯޓުގައި ގާއިމުކުރާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ލައުންޖެއް އެއާޕޯޓުގައި ގާއިމުކުރާނެ ދިމާވެދާނެ މައްސަލަތަކަށް ގާތުން ހައްލެއް ހޯދައިދިނުމަށް،" ޓޫރިޒަމް މިނިސްޓަރު ވިދާޅުވިއެވެ.

ޓޫރިޒަމް މިނިސްޓްރީން އަމާޒު ހިފާފައިވަނީ މިއަހަރުގެ ތެރޭގައި ރާއްޖެއަށް 850،000 ފަތުރުވެރިން ގެނައުމަށެވެ. އޭގެ ތެރެއިން ތިން ލައްކައެއްހާ ފަތުރުވެރިން މީގެ ކުރިން ވަނީ ރާއްޖެ އައިސްފައެވެ.