ރާއްޖޭގެ ބޯޑަރު ޖުލައި މަހުގެ ތެރޭގައި ހުޅުވާލާ އިރު، 75 ވަރަކަށް ރިސޯޓު ހުޅުވޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ބޯޑަރު ހުޅުވާލާނެ ތާރީހު އިއުލާނުކުރުމުގެ ކުރިން ވެސް ޖުލައި މަހު ރިސޯޓު ހުޅުވަން ތައްޔާރަށް އޮތް ކަމުގެ ޔަގީންކަން 41 ރިސޯޓަކުން ދީފައިވާ ކަމަށެވެ. އަދި ތާރީހު ލިބުމާއެކު އިތުރު 30 ރިސޯޓަކަށް މައުލޫމާތު ފޯރިކޮށްދީފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
"ބޯޑަރު ހުޅުވާލާނެ ތާރީހު އިއުލާނު ކުރުމުގެ ކުރިން މިނިސްޓްރީން ސާކިއުލާއެއް ނެރުނިން. އޭރު އެ ތާރީހު ކަށަވަރު ނުވާއިރު ވެސް، 41 ރިސޯޓެއް ޖުލައިގައި ހުޅުވާނެކަމުގެ ޔަގީންކަން މިނިސްޓްރީއަށް ދީފައި އޮތީ،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.
މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރިސޯޓުތައް ހުޅުވޭނެ ތާރީހުތައް ކުރިއަށް އޮތް ހަފުތާގެ ތެރޭގައި އަލުން ހުށަހެޅުމަށް މިނިސްޓްރީން ސާކިއުލާއެއް ނެރެފައިވާ ކަމަށެވެ. އަދި
ކުރިން ނުހުޅުވާ މަޑު ޖައްސާލަން ނިންމައިގެން ތިބި ރިސޯޓުތައް ވެސް އަވަހަށް ހުޅުވާނެ ކަމަށް އުންމީދުކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ރިސޯޓުތައް ހުޅުވާލުމަށް ނިންމާފައިވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހެވެ.
ރާއްޖޭގައި 150އަށް ވުރެ ރިސޯޓު އޮޕަރޭޓްކުރާ އިރު، ކޮވިޑާ ގުޅިގެން ރިސޯޓުތައް ވަނީ ބަންދުކޮށްފައެވެ. އެއާއެކު ޓޫރިޒަމުން ސަރުކާރަށް ލިބޭ އާމްދަނީ ވަނީ ވަރަށް ބޮޑުތަން ދަށްވެފައެވެ.