ކުއްލި ޚަބަރު

ކަންކަން ރަނގަޅަށް ދާ ނަމަ އޮގަސްޓް ތެރޭ މުޅިން އާންމު ހާލަތަކަށް ދެވިދާނެ: އަލީ ވަހީދު

އަލީ ޔާމިން

ކަންކަން ރަނގަޅަށް ދާ ނަމަ އޮގަސްޓް މަހުގެ ތެރޭ މުޅިން އާންމު ހާލަތަކަށް ދެވިދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، ބޯޑަރުތައް ހުޅުވުމުގެ ތާރީހު އިއުލާން ނުކޮށް ލަސްކުރީ ގަސްތުގައި ކަމަށާއި އެކަން ކުރީ ދިވެހިންގެ ތެރޭގައި ބަލި އޮތް މިންވަރު ދެނެގަނެ ފަތުރުވެރިން ރާއްޖެއަށް ގެނެވުމުގައި ރައްކާތެރިކަމުގެ ގޮތުން އަޅަން ހުރި ފިޔަވަޅުތައް އެޅުމަށް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ލޮކްޑައުނަށް އަންނަ މަހުވެސް ބޮޑެތި ލުއިތަކެއް ސަރުކާރުން ދޭނެ ކަމަށާއި ކަންކަން ރަނގަޅަށް ދާ ނަމަ އޮގަސްޓް މަހުގެ ތެރޭ މުޅިން އާންމު ހާލަތަކަށް ދެވިދާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

"ރަނގަޅަށް ﷲގެ އިރާދަފުޅާއެކު ކަންކަން ހިނގައްޖެ ނަމަ އޮގަސްޓް މަހުގެ ތެރޭގައި ގާތްގަނޑަކަށް އަޅުގަނޑުމެންނަށް އާންމު ހާލަތަކަށް ދެވޭ ވަރަށް ރަނގަޅުވެވިދާނެ،" މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން ބަލީގެ ނުރައްކާ އެއްކޮށް ކެނޑިގެން ނުދާ ކަމަށެވެ. އަދި ބޯޑަރުތައް ހުޅުވާލުމާއެކު ރާއްޖެއަށް ބަލި އެތެރެވުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ރާއްޖެއިން އެހެން ގައުމުތަކަށް ބަލި ފެތުރުމުގެ ފުރުސަތުވެސް އޮންނާނެ ކަމަށެވެ.