ފަތުރުވެރިކަމުގެ އިންޑަސްޓްރީގައި ދިވެހިންގެ ނިސްބަތް އިތުރުކޮށް އިސް މަގާމުތަކަށް ދިވެހިން ގެންދިއުމުގެ ހާއްސަ މަސައްކަތް ފަށާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ދިވެހިންގެ ހިއްސާ ޓޫރިޒަމް ސިނާއަތުގައި އިތުރުކުރަން އަބަދުވެސް ސަރުކާރުން ވިސްނާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ 47 އަހަރު ދުވަހު ނެތް ތަފާސްހިސާބުތައް މި ސަރުކާރުން އެއްކުރެވިފައިވާ ކަމަށާއި އެކަމުން ދޭހަކޮށްދެނީ މި ސަރުކާރުން އެކަމަށް އިސްކަންދޭ މިންވަރު ކަމަށް ވިދާޅުވިއެވެ.
"ރާއްޖޭގެ މި ސިނާއަތުގައި މަސައްކަތްކުރާ މުއައްޒަފުން، ދިވެހީންގެ ނިސްބަތް އިތުރުކުރަން މަސައްކަތް ކުރާނެ ވާހަކަ ކުރިންވެސް ވާނީ ދަންނަވާފައި. މި ފެށޭ ފެށުމަކީ ދިވެހިން އިތުރުވެގެންދާނެ ފެށުމަކަށް ހެދުމަށް އަޅުގަނޑުމެން މަސައްކަތް ކުރާނަން. މިކަމުގެ މަޝްވަރާތައް އަޅުގަނޑުމެން ވަނީ އިންޑަސްޓްރީގެ ފަރާތްތަކާއެކު ފެށިފައި،" އަލީ ވަހީދު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ކޮންސަލްޓެންސީ ފާމަކާއެކު ދިރާސާތައް ކުރެވެމުން އަންނަ ކަމަށާއި މިހާރު ރާއްޖޭގައި އޮތީ 2012 ވަނަ އަހަރު ނެރެފައިވާ ގައިޑްލައިނެއް ކަމަށެވެ. އޭގައި ދިވެހިންގެ ނިސްބަތް ކަމަށް ކަނޑައަޅާފައިވަނީ 45 ޕަސެންޓް ކަމަށާއި އަމާޒަކީ އެކަން ރިވައިސްކޮށް ދިވެހިންގެ ނިސްބަތް 51 ޕަސެންޓަށް އެރުވުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ދެން އޮތް އަމާޒަކީ މިއަންނަ އަހަރު މަސައްކަތްތެރިންގެ ދުވަސް އަންނައިރު މިއަހަރު ތެރޭގައި ފަސްވަނަ ޓޫރިޒަމް މާސްޓާ ޕްލޭނާއި ދެމެހެއްޓެނިވި ގޮތެއްގައި ކަންކަން ކުރިއަށްގެންދާނެ ގައިޑްލައިން ނިންމައި މިހާރަށްވުރެ ބޮޑަށް ދިވެހިން އިތުރުކުރުމަށް ފޭސްތަކެއްގެ ތެރެއިން ކުރިއަށް ގެންދާނެ ގޮތްތައް އެކުލަވައިލުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
"އެކަމުގެ ތެރޭގައި ހަމައެކަނި ދިވެހިންގެ ނަމްބަރު އިތުރު ކުރުމެއް ނޫން. ދިވެހިން މަތީ މަގާމުތަކަށް ގެނެވޭނެ އުސޫލުތަކާއި ދިވެހިން މިދާއިރާއަށް ތަމްރީނު ކުރުމުގައި އިންޑަސްޓްރީއާ ސަރުކާރާ ގުޅިގެން ކުރެވޭނެ މަޝްވަރާތައް މިދަނީ ކަމާބެހޭ އެހެން މިނިސްޓްރީތަކާއެކު ގުޅިގެން ކުރަމުން،" މިނިސްޓަރު ވިދާޅުވިއެވެ.
މިފެށޭ އާ ފެށުމަކީ ޓޫރިޒަމް ސިނާއަތަށް އުންމީދީ ފެށުމަކަށް ވެގެންދާނޭ ކަމަށް އުންމީދު ކުރާ ކަމަށާއި އެގޮތަށް މަސައްކަތްތައް ބެހެއްޓޭތޯ މަސައްކަތް ކުރާނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.