ރާއްޖެއަށް އަންނަ ގިނަ ފުލައިޓުތައް އޮގަސްޓުގައި އޮޕަރޭޓުކުރަން ފަށާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ބޯޑަރު ހުޅުވާލައި، އަލުން ފަތުރުވެރިކަން ފަށާނެ ތާރީހު އިއުލާނުކުރުމުގެ ކުރިން ވެސް 11 އެއާލައިނަކުން ދަތުރު ފެށުމަށްޓަކައި ޖާގަ ހޯދާފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވާނީ މިދިޔަ ދުވަސްތަކުގައި ރާއްޖެއަށް ކޮވިޑުގެ ބަލިމަޑުކަން އައުމުގެ ކުރިން ދަތުރުކުރަމުންދިޔަ އެއާލައިންތަކާ ބައްދަލުކޮށްފައި. ﷲ އިރާދަކުރެއްވިއްޔާ އޭގެ ތެރެއިން ގިނަ އެއާލައިންތައް ޖުލައި މަހުގެ ތެރޭގައި ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ކުރާނެ. އަދި ބާކީ ހުރި އެއާލައިންތައް ވެސް އޮގަސްޓް މަހުގެ ތެރޭގައި ދަތުރުތައް ފަށާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައި. އޭގެ އިތުރުން 15 ޖުލައިގައި ވެސް ތިން ފުލައިޓު ސްލޮޓެއް ވެސް ވަނީ ބުކްކޮށްފައި. އަޅުގަނޑުމެން އުންމީދުކުރަނީ އެދުވަހުގެ ހެނދުނުގެ ވަގުތެއްގައި ރާއްޖެއަށް އަންނަ ފުރަތަމަ ފުލައިޓު ފަތުރުވެރިންނާއެކު އަންނާނެ ކަމަށް،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެއާޕޯޓު އޮތީ ފަތުރުވެރިކަމަށް ހުޅުވާލަން ތައްޔާރަށް ކަމަށާއި އެގޮތުން ކޮންމެ 20 މިނެޓަކުން ފުލައިޓު ޖައްސައި، ފުލައިޓު ކުލިއަރެންސް ހެދޭ ވަރަށް ނިއު ނޯމަލްގައި މަސައްކަތްކުރެވޭނެ ކަމުގެ ޔަގީންކަން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ދީފައިވާ ކަމަށެވެ.
"ކޮންމެ 20 މިނެޓަކުން ފުލައިޓު ޖައްސައި، ފުލައިޓު ކުލިއަރެންސް ހެދޭ ވަރަށް ނިއު ނޯމަލްގައި މަސައްކަތްކުރެވޭނެ ކަމުގެ ޔަގީންކަން އެމްއޭސީއެލްގެ ފަރާތުން ވަނީ ދެއްވާފައި. އަދި އޭގެ އިތުރުން ވެސް ކުރިއަށް މިއޮތް މަސްދުވަހުގެ ތެރޭގައި، ނުވަތަ ތިން ހަފުތާގެ ތެރޭގައި އިތުރަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމުގެ މަސައްކަތް އަޅުގަނޑުމެން ކުރިއަށްގެންދާނަން." މިނިސްޓަރު އަލީ ވަހީދު ވިދާޅުވިއެވެ.