ސިޔާސީ

ތެލުގެ ވިޔަފާރީގެ ވާހަކަ އަލުން ދައްކަނީ ރައީސް ވަހީދު ދެކެ ބިރުން: އިދިކޮޅު

އަލީ ޔާމިން

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތުހުމަތު ކުރާ 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލަ އެމްޑީޕީން އަނެއްކާ ވެސް ފެންމަތިކޮށްގެން އުޅެނީ ކުރީގެ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިދިކޮޅު ސިޔާސީ މަސައްކަތާ ގުޅިވަޑައިގަތުމުން އެކަމާ ބިރުން ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފިއެވެ.

މިދިޔަ ހޯމަ ދުވަހު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވަނީ ރައީސް ވަހީދު އެ ކޯލިޝަނުގެ ސްޕެޝަލް އެޑްވައިޒަރުގެ މަގާމަށް އައްޔަނުކުރައްވައިފައެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ރައީސް ޔާމީން އެސްޓީއޯގެ ޗެއާމަންކަމުގައި ހުންނަވައިގެން 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރިއެއް ކުރެއްވި މައްސަލަ އެމްޑީޕީގެ ވެރިކަމުގައި ވަނީ ބަލައިފައެވެ. އެ މައްސަލަ ބެލުމަށްފަހު އެކުލަވާލި ތަހުގީގު ރިޕޯޓް ރައީސް ވަހީދުގެ ވެރިކަމުގައި ފޮރުވި ކަމަށް ބުނެ މާފަންނު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެންބަރު މުހައްމަދު ފަލާހު ވަނީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފައެވެ.

މިކަމާ ގުޅިގެން ޕްރޮގްރެސިވް ކޯލިޝަނުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، 800 މިލިއަން ޑޮލަރުގެ ތެލުގެ ވަގު ވިޔަފާރީގެ މައްސަލައަކީ އެމްޑީޕީން އުފަންކުރި މައްސަލައެއް ކަމަށާއި މިހާރު އަނެއްކާވެސް އެ މައްސަލައިގެ ވާހަކަދައްކަނީ އިދިކޮޅުގެ ސިޔާސީ މަސައްކަތާ ރައީސް ވަހީދު ގުޅިވަޑައިގަތުމުން އެކަމާ ބިރުން ކަމަށެވެ.

"ރައީސް ވަހީދު ސިޔާސީ ހަރަކާތުގައި އަޅުގަނޑުމެންނާ ގުޅިގެން މަސައްކަތްކުރަން ނިންމެވީމާ އެއްގޮތަކަށް ވެސް ނިދި ނައިސްގެން އެ އުޅެނީ. ވަރަށް ބޮޑަށް ބިރުގެންފި ވަހީދު ދެކެ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ، ތެލުގެ ވަގު ވިޔަފާރިއޭ ކިޔައިގެން އެމްޑީޕީން އަނެއްކާވެސް މަސައްކަތް ކުރަމުންދަނީ ރައީސް ޔާމީނާއި ރައީސް ވަހީދުގެ އަގު ވައްޓާލުމަށް ކަމަށެވެ. އަދި 800 މިލިއަން ޑޮލަރުގެ ވަގު ވިޔަފާރީގެ ތުހުމަތު ޔާމީންގެ އިސްތަށިފުޅުގައި އޭރު ވެސް އެޅުވީ، އެމްޑީޕީގެ ވެރިކަމުގައި ހިންގި ޖަރީމާތައް ފޮރުވުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަން ނިމުމަކަށް ގެނައީ ތެލުގެ ވިޔަފާރިއާ ގުޅޭ ރިޕޯޓު ނެރެން އޮތް ދުވަހު ކަމަށެވެ.