މެންބަރު މުހައްމަދު އިސްމާއީލް

ގޯންޏަށް އަޅައިގެން މީހުން ފައިސާ ބަހާތަ؟ އެއީ ސިޔާސީ ވާހަކައެއް: މުހައްމަދު އިސްމާއީލް

ގޯންޏަށް އަޅައިގެން މީހުން ފައިސާ ނުބަހާނެ ކަމަށާއި އެއީ 100 ޕަސެންޓު ސިޔާސީ ވާހަކައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ފައިސާ، ގޯނި ގޯންޏަށް އަޅައިގެން އެމްޑީޕީގެ މެންބަރުންނަށް ބެހީ ތިމަންނާ ކަމަށް ވިދާޅުވެ މަޖިލީހުގެ ޖަލްސާއެއްގައި ދެއްކެވި ވާހަކަފުޅަކާ ގުޅިގެން އޭސީސީއަށް ދެއްވި ބަޔާނުގައި މުހައްމަދު އިސްމާއިލް ވިދާޅުވެފައި ވަނީ އެއީ އެއްވެސް ހަގީގަތެއް އޮވެގެން ދެއްކެވި ވާހަކައެއް ނޫން ކަމަށާއި އެއީ ސިޔާސީ ވާހަކައެއް ކަމަށެވެ.

އޭސީސީ އަށް މުހައްމަދު އިސްމާއީލް ދެއްވާފައިވާ ބަޔާނާ ގުޅިގެން "ވަން އޮންލައިން"އަށް މިއަދު ދެއްވި އިންޓަވިއުއެއްގައި މުހައްމަދު އިސްމާއީލް ވިދާޅުވީ މި ފަދަ ޓެކްނޯލޮޖީގެ ޒަމާނެއްގައި ގޯނި ގޯންޏަށް އަޅައިގެން ފައިސާ ބަހަނީއޭ ބުނުމުން އެއީ ފޭކް ވާހަކައެއްކަން ކޮންމެ މީހަކަށް ވެސް އެނގެން ވާނެ ކަމަށެވެ.

އޭނާ ވިދާޅުވީ އެމްްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާގެ އެއްވެސް ހަގީގަތެއް ނޭނގޭ ކަމަށާއި އެހެން ނަމަވެސް ތަހުގީގު ކުރައްވާ ފަރާތްތަކުން އެކަން ހޯއްދަވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"ދިވެހިރާއްޖޭގެ ހުރިހާ މުއައްސަސާ ތަކަށް ނޭނގި ހިނގި ކަމެއްގެ ވާހަކަ ތިދައްކަނީ. ދެން އަޅުގަނޑު ކަހަލަ އާދައިގެ މީހަކަށް އެކަން އެނގޭނީ ކިހިނެއްތޯ؟" މުހައްމަދު އިސްމާއީލް ވިދާޅުވި އެވެ.

ގޯނި ގޯންޏަށް އަޅައިގެން އެ ފައިސާ ބެއްސެވި ކަމަށް އޭރު ވާހަކަދެއްކެވީ ކީއްވެތޯ ސުވާލު ދެންނެވުމުން މުހައްމަދު އިސްމާއީލް ވިދާޅުވީ ސިޔާސީ މީހުން ސިޔާސީ ވާހަކަ އެކި ދުވަސްވަރު އެކި ގޮތަށް ދައްކާނެ ކަމަށާއި އޭގެ ބޭނުމަކަށް ވާނީ ސިޔާސީ މަގުސަދެއް ހާސިލުކުރުން ކަމަށެވެ.