ޚަބަރު

ރާއްޖޭން ބޭރުގައި ކިޔަވަން ތިބި ކުދިންގެ ފައިސާ ނުދޭ ވާހަކައަކީ ބުހުތާނު ދޮގެއް: މުހައްމަދު އިސްމާއީލް

އިބްރާހިމް ޒަކީ

ސަރުކާރުގެ ސްކޯލާޝިޕްތަކާއި ސްޓޫޑެންޓް ލޯން ސްކީމުގެ ދަށުން ރާއްޖެ އިން ބޭރުގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ނުދޭ ވާހަކައަކީ ރޯ ބުހުތާނު ދޮގެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

މެންބަރު މުހައްމަދު އިސްމާއީލް މިހެން ވިދާޅުވީ، ސަރުކާރުގެ ސްކޯލަޝިޕްތަކާއި ސްޓޫޑެންޓް ލޯން ސްކީމުގެ ދަށުން ރާއްޖޭން ބޭރުގައި ކިޔަވަމުން އަންނަ ދިވެހި ދަރިވަރުންނަށް ސަރުކާރުން ދޭންޖެހޭ ފައިސާ ޖަމާކޮށް ނުދޭ ކަމަށް ބުނެ އެ ފައިސާ ޖަމާކޮށްދޭން ސަރުކާރަށް ގޮވާލައި އެމްޑީޕީން މިއަދު މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައާ ގުޅިގެންނެވެ.

ނަމަވެސް އެ ކުއްލި މައްސަލައަށް ބަހުސްކުރަން ފެނޭތޯ ނެގި ވޯޓުގައި ޕީއެންސީގެ 59 މެންބަރުން ވޯޓުލައިގެން މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް ނިންމައި އެ މައްސަލަ މަޖިލިސް ތަޅުމުން ބޭރުކޮށްލިއެވެ.

އޭގެ ފަހުން ޕީއެންސީން މިއަދު މަޖިލީހަށް ހުށަހެޅި ކޮޕީރައިޓާއި އެއާގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ބަހުސްގައި ވާހަކަދައްވަމުން މުހައްމަދު އިސްމާއީލް ވިދާޅުވީ، ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދުވެސް އެ ކުދިންނަށް ފައިސާ ދޫކުރަމުން އަންނަ ކަމަށެވެ.

"ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިއަދުވެސް ލާރި ދޫކުރަމުންދަނީ، އިއްޔެވެސް ލާރި ދޫކުރަމުންދަނީ، އެއްވެސް ދަރިވަރަކަށް، އެއްވެސް ހާލެއްގައި ކިޔަވަން ތިބި އެއްވެސް ކުއްޖަކަށް ފައިސާ ނުލިބިގެން ޝަކުވާ ކުރާ ތަނެއް އަޅުގަނޑުމެންނަަކަށް ނުފެނޭ،" އޭނާ ވިދާޅުވިއެވެ.

މުހައްމަދު އިސްމާއިލް ވިދާޅުވީ، ފައިސާ ނުލިބިގެން އެއްވެސް ކުއްޖެއްގެ ފަރާތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީއަށް ހުށަހަޅާފައި ނެތް ކަމަށާއި އެ މައްސަލައިގައި އެއްވެސް ކުއްޖަކު މިނިސްޓަރާ ބައްދަލުކުރަން ގޮސްފައި ތިބިތަނެއްވެސް ނުފެންނަ ކަމަށެވެ.

އެމްޑީޕީގެ ފަރާތުން އެ ޕާޓީގެ ޕީޖީ ލީޑަރު ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހިމް ނާޒިލް މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވިދާޅުވީ، ސަރުކާރުގެ ސްކޮލާޝިޕްގެ ލޯން ސްކީމުގެ ދަށުން ރާއްޖޭން ބޭރުގައި މަތީ ތައުލީމު ހާސިލުކުރަމުންދާ ގިނަ އަދަދެއްގެ ދަރިވަރުންނަށް ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ދޭންޖެހޭ ފައިސާ ނުދީ ލަސްވަމުންދާތީއާއި ބައެއް ދަރިވަރުންނަށް ފައިސާ ޖަމާކޮށްދިނުން ހުއްޓާލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ، ސަރުކާރުން ރާއްޖޭން ބޭރުގައި ކިޔަވާ ދަރިވަރުންނަށް ދޭންޖެހޭ ފައިސާ، ޖަމާނުކުރުމުގެ ސަބަބުން އެ ދަރިވަރުންނަށް ބޮޑެތި އުނދަގޫތައް ކުރިމަތިވެ، ޔުނިވާސިޓީ ނުވަތަ ކޮލެޖަށް ދައްކަންޖެހޭ ކޯސް ފީ ނުދެއްކި އެ ދަރިވަރުން ބްލެކްލިސްޓް ކުރާ ހިސާބަށް މައްސަަލަ ގޯސް ވެފައިވާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ބައެއް ދަރިވަރުން ދިރިއުޅޭ ތަނުގެ ކުލި ނުދެއްކި ގިނަ ދުވަސްތަކެއް ވަމުންދާތީ އެ ކުދިން ދިރިއުޅެމުންދާ ތަން ހުސްކުރަން ޖެހި އެ ކުދިން މަގުމަތިވުމުގެ ބިރު ކުރިމަތިވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

ނާޒިލް ވިދާޅުވީ، އާއިލާއާ ދުރުގައި ރާއްޖޭން ބޭރުގައި އެ ކުދިން އުޅެމުންދާއިރު ދުވަހުން ދުވަހަށް އެ ކުދިން ކުރަންޖެހޭ ހަރަދުތައްވެސް ނުކުރެވި އެކި ފަރާތުގެ އެހީތެރިކަަމަށް އެދި ސަލާންޖަހަންޖެހޭ ހާލަތަށް ބައެއް ކުދިންނާއި އެ ކުދިންގެ އާއިލާތައް ގޮސްފައިވާ ކަމަށެވެ.

މިފަދަ ކުއްލި މައްސަލަތަކަކީ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއަޅައި ދޮގު ވާހަކަ ދެއްކުން ކަަމަށް ވިދާޅުވެ، އެގޮތަށް ކުއްލި މައްސަލަ ހުށަނޭޅޭނެ ގޮތަށް ގާނޫނު ނުވަތަ ގަވާއިދު އިސްލާހުކުރަންޖެހޭ ކަމަށްވެސް މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވިއެވެ.