އެމްޑީޕީގެ ގިނަ މެންބަރުންނަކީ އިސްލާމް ދީން ގަބޫލުކުރާ ބައެއް ނޫން ކަމަށް ވިދާޅުވެ، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ދެއްކެވި ވާހަކަ ބަލައި ފިޔަވަޅު އަޅަން އެ ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ކީރިތި ގުރުއާނުގެ އާޔަތްތަކަށް ބަދަލުގެނެސްގެން ޕީއެސްއެމްގެ ޗެނަލްތަކުން ދައްކަމުންދާ ކަމަށް ބުނެ، އެމްޑީޕީގެ ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ވާހަކަދައްކަވަމުން މުހައްމަދު އިސްމާއިލް ވަނީ އެމްޑީޕީ ކިޔައިފި ނަމަ އެއީ ލާދީނީ ބައެއް ކަމަށާއި އެއީ ކީރިތި ގުރުއާނާއި އިސްލާމް ދީން ގަބޫލުކުރާ ބައެއް ނޫން ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ފަހުން އޭނާ ވަނީ އެކަމަށް މާފަށް އެދިވަޑައިގެންފައެވެ.
މުހައްމަދު އިސްމާއިލްގެ އެ ވާހަކަ ކުށްވެރިކޮށް ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ގާނޫނުއަސާސީގެ ނުވަވަނަ މާއްދާގައި މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެކަން ކަނޑައަޅައިފައިވާތީ ކޮންމެ ދިވެހި ރައްޔިތަކީވެސް މުސްލިމެއް ކަމަށެވެ.
އަދި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ 124 ވަނަ މާއްދާގައި މުސްލިމަކު ކަނޑައެޅިގެން ކުފުރުގެ އަމަލެއް ނުކުރާހާ ހިނދަކު އެ މީހަކީ މުރުތައްދުވެފައިވާ މީހެއްގެ ގޮތުގައި ސިފަކުރުމަކީ ޖިނާއީ ކުށެއް ކަމަށްވެސް ވިދާޅުވިއެވެ.
ޝާހިދު ވިދާޅުވީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ 35 ވަނަ މާއްދާގައި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ނަގައިލުމަށް މަސައްކަތް ކުރުމާއި އެ ބާވަތުގެ ވާހަކަދެއްކުމަކީ މަނާ ކަމެކެވެ.
”ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ނިސްބަތްވާ ޕާޓީއެއްގެ މެންބަރުންނަކީ، މުސްލިމުން ނޫން ކަމަށް ބުނުމަކީ ރައްޔިތުންގެ ތާއީދު ގެއްލި ސިޔާސީ ގޮތުން ބަލިވާން ފެށުމުން، އެކަން ފޫބެއްދުމަށްޓަކައި ރައްޔިތުން ބައިބައި ކުރުމަށް ދީނީގޮތުން ފިތުނަ އުފެއްދުމަށް ފެށި ކަމެއްކަން ފާހަގަކުރެވެއެވެ.،“ ޝާހިދު ވިދާޅުވި އެވެ.
އޭނާގެ ޕޯސްޓުގައި މުހައްމަދު އިސްމާއިލް ދެއްކި ވާހަކައިގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ސުލޫކު ކޮމިޓީން އަވަހަށް ބަލައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ވަނީ ގޮވާލައްވައިފައެވެ.