ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމްގެ އެކައުންޓަށް ޕްރައިވެޓް ކުންފުންޏަކުން ދެ ފަހަރެއްގެ މަތިން އެއް މިލިއަން ޔޫއެސް ޑޮލަރު ޓްރާންސްފާކޮށްފައިވާ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ފުލުހުންނަށް ހުށައަޅައިފިއެވެ.
އޭސީސީން އާންމުކޮށްފައިވާ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަތަކުގެ ތެރެއިން މިހާރު ބަލަމުން އަންނަ މައްސަލަތަކުގެ ގޮތުގައި އާންމުކޮށްފައިވާ މައްސަލަތަކުގެ ތެރޭ މިމައްސަލަ ހިމެނޭއިރު، މި މައްސަލައިގައި ހިމެނޭ އަމިއްލަ ކުންފުންޏަކީ އެމްއެމްޕީއާރުސީގެ ފައިސާ އެ ކުންފުންޏަކަށް ޖަމާވެފައިވާ ކުންފުންޏެއްގެ ގޮތުގައި އޭސީސީން ފާހަގަކޮށްފައިވާ ކުންފުންޏެކެވެ.
މި މައްސަލައިގައި ހިމެނޭ ޕްރައިވެޓް ކުންފުނިން ރައީސް ޔާމީންގެ އިސްލާމިކް ބޭންކްގެ ޑޮލަރު އެކައުންޓަށް 2015 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ދެފަހަރެއްގެ މަތިން ވަނީ އެއް މިލިއަން ޑޮލަރު ޖަމާކޮށްފައެވެ. އޭސީސީގެ ތަހުގީގުތަކުން އެނގުން ގޮތުގައި މި ޑޮލަރު ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކޮށްފައި ވަނީ އެކުންފުނީގެ ކޮމްޕެނީ ސެކްރެޓަރީއެވެ. އޭސީސީގެ ބަޔާނުގައިވާ ގޮތުގައި އެ ކުންފުންޏަކީ އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް ދޫކުރި ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކޮށްގެން އެމްއެމްޕީއާރުސީއަށް ލިބިފައިވާ ފައިސާގެ ޗެކްތަކުގެ ތެރެއިން ގިނަ ޗެކްތަކެއް އެ ކުންފުނީގެ އެކައުންޓަށް ޖަމާކޮށްފައިވާ ކުންފުންޏެކެވެ.
މި މައްސަލައިގައި ރައީސް ޔާމީންގެ އިތުރުން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާވެސް އޭސީސީގެ ތަހުގީގުގައި ސުވާލު ކުރެއްވިއެވެ.
އޭސީސީގެ ބަޔާނުގައިވާ ގޮތުގައި ރައީސް ޔާމީންގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ތަހުގީގުގައި ވަކި ގޮތެއް ނިމެންދެން ވަނީ އޭސީސީގެ ނަމުގައި ބޭންކް އެކައުންޓެއް ހުޅުވައި، މި އަހަރުގެ ޖޫން މަހު އޭސީސީގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.