މިރޭ ބާއްވަން އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އަންގައިގެން ކެންސަލް ކޮށްފިއެވެ.
"ވަން" އަށް މައުލޫމާތުދެއްވަމުން އެމްޑީޕީގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި އެޗްޕީއޭގެ މި އެންގުމަކީ އެމްޑީޕީ ގައުމީ މަޖިލީސް ބޭއްވުމާ ގުޅިގެން އެޗްޕީއޭއަށް ފޮނުވި ސިޓީއަށް ދިން ޖަވާބެއް ކަމަށެވެ.
އެގޮތުން އެޗްޕީއޭ އިން ފޮނުވި ސިޓީގައި ކޮވިޑްގެ މި ހާލަތާއި ގުޅިގެން މި ދުވަސްވަރު މިއީ މިފަދަ ޖަލްސާއެއް ބޭއްވުމަށް އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށް ބުނެފައިވާ ކަމަށް އެމްޑީޕީން މައުލޫމާތު ދީފައިވެއެވެ.
އެމްޑީޕީން މިރޭ ބޭއްވުމަށް ޝެޑިއުލް ކުރި އެމްޑީޕީ ގައުމީ މަޖިލީހުގެ 169 ވަނަ ބައްދަލުވުމުގެ އެޖެންޑާ އާންމުކޮށްފައެއް ނުވެއެވެ. އެންމެ ފަހުން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާފައިވަނީ މިއަހަރުގެ ފެބްރުއަރީ މަހުއެވެ.
އެޗްޕީއޭގެ އެންގުމާ އެއްގޮތަށް އަމަލު ކުރުމުގެ ގޮތުން މިރޭ ބާއްވަން އޮތް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާ ކެންސަލް ކޮށްފައިވާ އިރު، އިދިކޮޅި ޕްރޮގްރެސިވް ކޯލިޝަނުން ރޭ ވަނީ ސިޔާސީ ހަރަކާތެއް ކުރިއަށްގެންގޮސްފައެވެ.