ދުނިޔެ

މިއަހަރުގެ ހައްޖުގެ އަޅުކަމަށްފަހު ހުރިހާ ހައްޖާޖީން ކަރަންޓީނު ވާން ޖެހޭނެ: ސައުދީ

މުހައްމަދު އައުޒަމް

މިއަހަރުގެ ހައްޖުގެ އަޅުކަމަށްފަހު ހުރިހާ ހައްޖާޖީން ކަރަންޓީނު ވާންޖެހޭނެކަމަށް ސައުދީ އިން އަންގައިފިއެވެ.

ސައުދީގެ ހެލްތް މިނިސްޓަރު ތައުފީގު އަލް ރަބިއަ ވަނީ ކޮވިޑް 19ގެ ބިރުވެރިކަން އުފެދިފައިވާތީ މިއަހަރުގެ ހައްޖުގެ އަޅުކަމަށް ސިއްހީގޮތުން އަޅަން ޖެހޭ ހާއްސަ ފިޔަވަޅުތަކެއް އާންމުކޮށްފައެވެ.

ތައުފީގު އަލް ރަބިއަ ވިދާޅުވީ މިއަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް އެއްފަހަރާ އެންމެ ގިނައިން ވެސް އަޅުކަމުގައި ތިބެވޭނީ 10،000 މީހުންނަށް ކަމަށް ވިދާޅުވެފައެވެ. އަދި ހައްޖުގެ އަޅުކަމަށް ދިއުމުގެ ކުރިން ހުރިހާ ހައްޖާޖީން ކޮވިޑަށް ޓެސްޓުކޮށް ނަތީޖާ ހޯދާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ސައުދީން އަޅަން ނިންމާފައިވާ ހާއްސަ ފިޔަވަޅުތަކުގެ ތެރެއިން މިއަހަރު ހައްޖުގެ އަޅުކަމަށް ހުއްދަ ދެވޭނީ އުމުރުން 65 އަހަރުން ދަށުގެ ދާއިމީ އެއްވެސް ބައްޔަކަށް ބޭސް ނުކުރާ މީހުންނަށެވެ. އަދި ހައްޖުގެ އަޅުކަމުގެ ތެރޭގައި އިޖުތިމާއީ ގައިދުރުކަން ކަށަވަރުކުރުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަން ވަނީ ނިންމައިފައެވެ.

ހާއްސަ ފިޔަވަޅެއްގެ ގޮތުން މިއަހަރުގެ ހައްޖުގެ އަޅުކަން އަދާކުރާ ހުރިހާ ހައްޖާޖީން ވެސް ހައްޖުގެ އަޅުކަމަށް ފަހު ސެލްފް ކަރަންޓީނު ވާން ޖެހޭނެއެވެ. ސައުދީން ވަނީ ހުރިހާ ހައްޖާޖީންގެ ސިއްހީ ހާލަތު ކޮންމެ ދުވަހަކު އެކިފަހަރުމަތިން ބެލުމަށް ނިންމާފައިވާކަމަށް ބުނެފައެވެ.

ސައުދީން ވަނީ ހާއްސަ ފިޔަވަޅެއްގެ ދަށުން ވޮލެންޓިއަރުންނާއި މަސައްކަތު މީހުންވެސް ހައްޖުގެ ކުރިން ޓެސްޓު ކުރާނެކަން އާންމުކޮށްފައެވެ. ހައްޖުގެ އަޅުކަމުގެ ތެރޭގައި ދިމާވެދާނެ އިމަޖެންސީ ހާލަތަކަށް ތައްޔާރުވުމުގެ ގޮތުން ސައުދީން ވަނީ ހާއްސަ ހޮސްޕިޓަލެއް ގާއިމްކޮށްފައެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން ކުރެވޭނީ ހަމައެކަނި ސައުދީގައި ގާއިމްވެ ތިބި މީހުންނަށް އެކަނިކަމަށް ވެސް އެ ގައުމުން ވަނީ ނިންމައިފަ އެވެ.