ކުއްލި ޚަބަރު

ރ. އަތޮޅުގައި ހިންގާ އޮޕަރޭޝަންގައި ފަސް މީހަކު ހައްޔަރުކޮށްފި

ރ. އަތޮޅުގައި ފުލުހުން ހިންގަމުން އަންނަ އޮޕަރޭޝަންގައި ފަސް މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، ހައްޔަރުކޮށްފައިވަނީ ފަސް ފިރިހެނުން ކަމަށާއި އެންމެން ވެސް ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. މި އޮޕަރޭޝަން މިހާރު ވެސް ކުރިއަށްދާތީ އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް ފުލުހުން ބުނެއެވެ.

އެ އޮޕަރޭޝަނަކީ ފުލުހުން ބުނި ގޮތުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ދަތުރު ފަތުރު ކުރުން މަނާކޮށްފައި އޮތްއިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާނުލައި ރ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު އުޅޭ ކަމަށާއި އަދި ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައް ކޮށް މުދަލަށް ގެއްލުންދޭ މައްސަލައަކާ ގުޅިގެން ހިންގާ އޮޕަރޭޝަނެކެވެ.

އެ އޮޕަރޭޝަންގެ ދަށުން ފުލުހުން ހަރަކާތްތެރިވަމުން އަންނަނީ ކޮން ރަށްތަކެއްގައި ކަމެއް އަދި ނޭނގެއެވެ.

ނަމަވެސް މަޑުއްވަރިން "ވަން" އަށް މައުލޫމާތު ދިން އެރަށު މީހަކު ބުނި ގޮތުގައި، އޮޕަރޭޝަންގައި ބަލައި ފާސްކުރަމުން އަންނަނީ ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮންނަ ގެތަކެވެ.