ކުއްލި ޚަބަރު

މަޑުއްވަރީގައި ސަލާމަތީ ބާރުތަކުން ހާއްސަ އޮޕަރޭޝަނެއް ހިންގަނީ

ރ. މަޑުއްވަރީގައި ސިފައިންނާއި ފުލުހުން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން ފުލުހުންނާއި ސިފައިން އަދި ވަކި އެއްޗެއް ހާމަކޮށްފައި ނުވި ނަމަވެސް މަޑުއްވަރިން "ވަން" އަށް މައުލޫމާތު ދިން އެރަށު މީހަކު ބުނި ގޮތުގައި، އޮޕަރޭޝަންގައި ބަލައި ފާސްކުރަމުން އަންނަނީ ހަރުކަށި ފިކުރުގެ މީހުންނާ ގުޅުން އޮންނަ ގެތަކެވެ.

އެކަމާ ގުޅިގެން ފުލުހުން ބުނީ، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ދަތުރު ފަތުރު ކުރުން މަނާކޮށްފައި އޮތްއިރު، ރަސްމީ އެއްވެސް އިދާރާއަކުން ނަގަންޖެހޭ ހުއްދަ ނެގުމަކާނުލައި ރ. އަތޮޅުގެ ފަޅު ރަށެއްގައި ބަޔަކު އުޅޭ ކަމަށާއި އަދި ޖަމާއަތް ހަދައިގެން މީހުން ދިރިއުޅޭ ރަށްރަށާއި ރިސޯޓްތަކަށް އަރައި ރާވައިގެން ބޮޑެތި ވައްކަންތައް ކޮށް މުދަލަށް ގެއްލުންދޭ މައްސަލައަކާ ގުޅިގެން ރ. އަތޮޅުގައި ފުލުހުން ހަރަކާތްތަކެއް ހިންގަމުން އަންނަ ކަމަށެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ވެސް މަޑުއްވަރީގައި ފުލުހުންނާއި ސިފައިން ގުޅިގެން ހާއްސަ އޮޕަރޭޝަނެއް ހިންގިއެވެ.

އެ އޮޕަރޭޝަނަކީ ފުލުހުން ބުނި ގޮތުގައި، ގާނޫނާއި ގަވާއިދާ ހިލާފަށް ހަރުކަށި ފިކުރުތަށް ތަބާވެ، ޖަމާއަތުން ވަކިވެ، ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްގުތަކާއި ރައްކާތެރިކަމުން މަހްރޫމުކޮށް ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ އަމަލުތަކަށް މީހުން އަހުކުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓު ކުރުމަށް އެރަށުގައި ހިންގާ މަސައްކަތާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއް ކަމަށެވެ.

އެ އޮޕަރޭޝަންގައި ވެސް އެރަށުގެ ބައެއް ގެތައް ބަލައި ފާސްކޮށް، ބައެއް މީހުން ވެސް ހައްޔަރުކުރިއެވެ.