ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްގެ މަގާމަށް އަބްދުﷲ ޝަރީފު އައްޔަން ކުރައްވައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އަށް 27 އަހަރު ހިދުމަތް ކުރައްވާފައިވާ ޝަރީފަކީ މިދިޔަ އަހަރުގެ ޖުލައި މަހުން ފެށިގެން އެ ތަނުގެ ޑެޕިއުޓީ ކޮމިޝަނަރު އޮފް ކަސްޓަމްސްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އަދި ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްގެ މަގާމަށް ފުރަތަމަ އައްޔަން ކުރެއްވި އަހުމަދު ނޫމާން މިދިޔަ އޭޕްރިލް މަހުގެ ތެރޭގައި އަވަހާރަވުމާ ގުޅިގެން ކަސްޓަމްސްގެ ހިންގުމާ ހަވާލުވެގެން ހުންނެވީ ވެސް އޭނާއެވެ.
ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަށް ޝަރީފު އައްޔަން ކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ. އެ މަގާމަށް އޭނާ އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކުރެއްވުމުގެ ކުރިން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ ކުރިފުޅުމަތީގައި، ކަސްޓަމްސް އޮފިސަރުންގެ ހުވައި، ޝަރީފު ވަނީ ކުރައްވައިފައެވެ.
ކޮމިޝަނަރު ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމަކީ ސްޓޭޓް މިނިސްޓަރު ފެންވަރުގެ މަގާމެކެވެ.