މުހައްމަދު އައުޒަމް
މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސައުދީ އަރަބިއްޔާގައި ތިބި މީހުންނަށް އެކަނި ކަމަށް އެގައުމުން އިއުލާނުކޮށްފިއެވެ.
ޖުލައި ފަހުކޮޅު އޮންނަ ހައްޖުގެ އަޅުކަމުގައި އަމަލުކުރާނެ ގޮތާ މެދު ސައުދީން ގޮތެއް ނިންމާފައިވަނީ ސައުދީގެ ރަސްމީ ޕްރެސް އެޖެންސީން ނެރެފައިވާ ބަޔާނެއްގައެވެ.
ބަޔާނުގައިވާގޮތުން މިއަހަރު ހައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ވަކި އަދަދެއްގެ ހައްޖާޖީންނަށް ކަމަށާއި އެގައުމުން ބޭރުން އެއްވެސް ބަޔަކު ހައްޖުގެ އަޅުކަމަށް އައުމަށް މިއަހަރު ފުރުސަތު ނުދިނުމަށް ނިންމާފައިވާ ކަމަށެވެ.
ސައުދީން މި ނިންމުން ނިންމާފައިވަނީ ދުނިޔޭގައި ހުއްޓުމެއްނެތި ފެތުރެމުންދާ ކޮވިޑުގެ ނުރައްކާ ބޮޑުވެފައިވާ ދަނޑިވަޅުގައި ސައުދީގައިވެސް ކޮވިޑް ކޭސްތައް އިތުރުވަމުންދާތީ އަޅާ ފިޔަވަޅެއްގެ ގޮތުގައެވެ.
ސައުދީން ވަނީ ކޮންމެ އަހަރަކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ދެ މިލިއަނަށްވުރެ ގިނަމީހުން ހައްޖުގެ އަޅުކަމަށް އެގައުމަށް ޖަމާވާ ކަމަށާއި ރައްކާތެރިކަމުގެ ފިޔަވަޅު އަޅައި މިހާ ގިނަބަޔަކު އެއްފަހަރާ ހައްޖުގެ އަޅުކަން ކުރުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމަށް ބުނެފައެެވެ.
ދުނިޔޭގެ ބައެއް ގައުމުތަކުން މީގެ ކުރިން ވެސް ވަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅާ ފިޔަވަޅެއްގެ ގޮތުގައި އެގައުމުތަކުން މިއަހަރު ހައްޖަށް މީހުން ނުފޮނުވަން ނިންމައިފައެވެ. އަދި ބައެއް ގައުމުތަކުން ސައުދީން ނިންމާ ނިންމުމާ އެއްގޮތަށް އަމަލު ކުރުމަށް ހައްޖުގެ ކަންކަން މަޑުޖައްސާލާފައިވާކަން ފާހަގަކޮށްލެވެއެވެ. ރާއްޖެއިން ވެސް ވަނީ ސައުދީން ނިންމާ ނިންމުމަށް ފަހު ގޮތެެއް ނިންމުމަށް މަޑު ޖައްސާލައިފައެވެ.
ރާއްޖޭގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވަނީ ހައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ލިބެންވާއިރަށް މިނިސްޓްރީން ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށާއި އެގޮތުން ހައްޖަށް މީހުން ގެންދިޔުމަށް ކުރިމަތިލި ގްރޫޕުތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށް ވިދާޅުވެފައެވެ. އަދި ފުރުސަތު ލިބޭނަމަ ހައްޖަށް މީހުން ގެންދިޔުމަށް ހޮވޭ ގްރޫޕުތައް ވީހާވެސް އަވަހަކަށް އިއުލާނު ކުރައްވާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.