ކޮވިޑް 19

މާލޭން އާންމުކޮށް އެހެން ރަށްރަށަށް ދަތުރުކުރެވޭނެ އުސޫލެއް އެކުލަވާލައި މި ހަފުތާގައި އިއުލާނުކުރަނީ

އަލީ އަފާފު ރަމީޒު

މާލޭގައި ދިރިއުޅޭ މީހުން އާންމުކޮށް އެހެން ރަށްރަށަށް ދަތުރުކުރުމާ ބެހޭ އުސޫލެއް އެކުލަވާލައި މިހަފުތާގެ ތެރޭގައި އެ އުސޫލު އިއުލާނު ކުރަން ނިންމައިފި އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަންސް ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަބްރޫކު ވިދާޅުވީ އެންމެ ފުރަތަމަ ބެލީ މާލޭގައި ތިބި ރައްޔިތުންގެ ތެރެއިން ރަށްރަށަށް ދާން ބޭނުންވެފައި، އެންމެ ހާލުގައި ޖެހިފައިވާ ފަރާތްތައް ލިސްޓުކޮށް ފޮނުވާލުމަށް ކަމަށާއި އޭގެ ތެރެއިން ގިނަ ބަޔަކު މިހާރު ފޮނުވާލެވިފައިވާ ކަމަށެވެ.

"މިހާރު އިންތިޒާމުތައް މި ރޭވެނީ އާންމު ހާލަތަކާ ދިމާލަށް ދިއުމަށް. މިކަމަކީ [މާލޭން އެހެން ރަށްރަށަށް ދިއުން] މިހާރު އެންމެ ބޮޑަށް މަޝްވަރާ ކުރެވިފައި އޮތް އެއް ކަންތައް. މިހަފުތާގެ ތެރޭގައި މިކަމުގައި އުސޫލުތައް ކަނޑައެޅި، ހުޅުވާލެވިގެންދާނެ،" މަބްރޫކް ވިދާޅުވިއެވެ.

އުސޫލުތައް ކަނޑައެޅި ހުޅުވާލެވޭނެ ދުވަހެއް މިވަގުތު ބުނަން ދަތި ކަމަށާއި ނަމަވެސް ގައިޑްލައިނެއް ރާވައި މި ހަފުތާގެ ތެރޭގައި އާންމު ކުރެވޭނެ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

"މިހާރު ބޯޓަކަށް އަރައިގެން ދަތުރުކުރާނީއެއް ކުރިން ދަތުރު ކުރާ ގޮތަކަށް ނޫން. އާ ގޮތަކަށް އެކަން ކުރަންޖެހޭނީ. ގައިދުރުކުރުން ބަހައްޓައިގެން އެބަލި ފެތުރޭނެ މިންވަރު ވީހާވެސް ކުޑަކުރެވޭނެ ގޮތް ބަލައިގެން. ދަތުރު ކުރުމުގައި އެކި ގޮތްގޮތް އެބަ އޮވޭ. ކަނޑުމަގުން ދަތުރުކުރުމާއި މަތިން ދަތުރުކުރުމާ، މިކަންކަން ކުރާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް އަޅަންޖެހޭނެ އަދި އިންތިޒާމުތަކެއް ހަމަޖައްސަން ޖެހޭނެ،" މަބްރޫކް ވިދާޅުވިއެވެ.

އެޗްޕީއޭއިން މިހާރު ނެރެފައިވާ ގައިޑްލައިނުގައިވާ ގޮތުން ރާއްޖޭގެ ރަށްރަށަށް ދާން ބޭނުންވާ ފަރާތްތައް 14 ދުވަހު ކަރަންޓީން ވާން ޖެހެއެވެ. އެގޮތުން މިހާރު ވަނީ ރަށްރަށުގައިވެސް ކަރަންޓީން ވެވޭ ގޮތަށް ހަމަޖައްސައިފައެވެ.

މާލޭ ސަރަހައްދު ފިޔަވައި އެހެން ސަރަހައްދުތަކުގައި ބަލި ނެތް ރައްތަކުން އެއް ރަށުން އަނެއް ރަށަށް ދެވޭނެ ކަމަށް އެޗްޕީއޭއިން ވަނީ ކަނޑައަޅައިފައެވެ.