ކޮވިޑް 19

"ރައްކާތެރިކަމާ އެކު އުޅުން ދިރިއުޅުމުގެ ވައްޓަފާޅި ތެރެޔަށް ވަދެއްޖެ، ބޮޑު ޕީކެއް ދެން އަންނާނެ ކަމަކަށް ނުބެލެވޭ"

އަލީ އަފާފު ރަމީޒު

ކޮވިޑުގެ މި ހާލަތުގައި، ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން އުޅުން ދިވެހީންގެ ދިރިއުޅުމުގެ ވައްޓަފާޅި ތެރެޔަށް ވަދެއްޖެ ކަމަށާއި އެހެން ކަމުން އިތުރު ޕީކެއް އަޔަސް ދެން އެހާ ބޮޑު ޕީކެއް އަންނާނެ ކަމަކަށް ނުބެލެވޭ ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.

ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ކަމެއް ނިންމާނީ މަޝްވަރާތައް ކުރުމަށްފަހު ކަމަށާއި ނަމަވެސް މިހާރުގެ ހާލަތަށް ބަލާއިރު، ލޮކްޑައުންއަކަށް ދާންޖެހޭ ހާލަތެއް ނެތް ކަމަށެވެ.

"ދެވަނަ ފަހަރަކަށް ޕީކަކަށްދާއިރު އަޅުގަނޑުމެންގެ އިނީޝަލް ޕީކްހާ ވަރަށް ބޮޑު ޕީކަކަށް އެކްސްޕެކްޓެއް ނުކުރެވޭނޭ، އެއީ މާލެއަށް ބުނި ވާހަކައެއް. އެއީ ރާއްޖޭގެ އެހެން ހިސާބުތަކުން ފެންނަން ފަށައިފިނަމަ އޯވަރޯލް ނަމްބަރު ހައިވެދާނެ. އެހެންނަމަވެސް މާލޭގެ ރީޖަނަށް ބަލައިފިއްޔާ ވަރަށް ގިނަ މީހުން މާސްކްވެސް އަޅައިގެން އުޅެނީ. ގައިދުރުކަން ވެސް ބަހައްޓާތަން ފެނޭ. ހޭންޑް ސެނިޓައިޒާތައް ބޭނުންކުރާތަން ފެނޭ،" އަފްޒަލް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ބިދޭސީންގެ ފަރާތުންވެސް ރަނގަޅު ކަންކަން ފެންނަމުންދާ ކަމަށާއި އެގޮތުން އެމީހުންވެސް މާސްކް އަޅައިގެން ތިބޭ މަންޒަރު ފެންނަ ވަރު ގިނަވެފައިވާ ކަމަށެވެ.

"ދެވަނަ ޕީކެއް އަންނައިރު، ކުރީ ޕީކަށްވުރެ ކުޑަވާނެ ކަމަށް ލަފާކުރެވޭ ސަބަބަކީ މިހާރު ހަގީގަތުގައި އާންމުންގެ ވައްޓަފާޅި ތެރެއަށް ނުވަތަ އާދަކާދައިގެ ތެރެއަށް ވަދެފައި މިވަނީ،" އަފްޒަލް ވިދާޅުވިއެވެ.

އަފްޒަލް ވިދާޅުވީ އުންމީދަކީ މި އާދަކާދަ ދެމެހެއްޓި، އިތުރަށް ހަރުދަނާވެގެން ދިއުން ކަމަށެވެ. އެގޮތަށް އަމަލުތައް ނެހެއްޓިއްޖެނަމަ މަގުމަތީގައި މީހުން ނުކުމެ އުޅުނަސް ބަލި ފެތުރުން ކުޑަވާނެ ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ކޮންމެވެސް އަދަދެއްގެ ކޭސްތައް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި އެއީ ކުރިއަށްވުރެ ގިނައިން އާންމުން މިދުވަސްވަރު ބޭރުގައި އުޅޭތީ ކަމަށް އޭނާ ވިދާޅުވިއެވެ.

އަފްޒަލް އިތުރަށް ވިދާޅުވީ ދެ ހަފުތާއެއްހާ ދުވަހު ބެލުމަށްފަހު ކުރިއަށް އޮތް ދުވަސްތަކުގައި އަމަލު ކުރާނެ ގޮތަކާ މެދު ގޮތްތަކެއް ނިންމާނެ ކަމަށެވެ. އަދި އުންމީދަކީ އަލުން ދިގު ލޮކްޑައުންއަކަށް ނުދިއުން ކަމަށް ވެސް ވިދާޅުވިއެވެ.