މާސްކް އަޅައިގެން އުޅޭ އުޅުމުގައި، ދަތްދޮޅި ދަށަށް މާސްކު އެލުވައިލައިގެން އުޅުމަކީ ރައްކާތެރި ގޮތެއް ނޫން ކަމަށާއި މުހިންމީ އެއްވެސް ވަރަކަށް ނަގާނަމަ އެ އޮންނަ ރަނގަޅު ގޮތަށް ނަގައިގެން އުޅުން ނުވަތަ އަޅައިގެން އުޅުން ކަމަށް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވެއްޖެ އެވެ.
ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ، ގިނަގިނައިން އަތް ދޮވުމަށާއި މާސްކު އެޅުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކުރާ ކަމަށެވެ. ހާއްސަކޮށް ދެމީހަކު ބައްދަލުވާ ހިނދުގައާއި ފިހާރައަށް ކިޔޫ ހަދާއިރުވެސް އަދި ހިދުމަތެއް ހޯދުމަށް ތަނަކަށް ވަންނައިރުވެސް މާސްކް އެޅުން މަޖުބޫރުވާނެ ކަމަށެވެ. އަދި އެއާޕޯޓް ހުޅުވިގެންދާ އިރު، އެފަދަ ތަންތަނުގައި މާސްކް ނާޅައި ނޫޅެވޭނެ ކަމަށް އަފްޒަލް ވިދާޅުވިއެވެ.
"ވަރަށް ގިނަ ބޭފުޅުން މާސްކް އަޅުއްވާއިރު، ދޭތެރެ ދޭތެރެއިން މާސްކް ނަގާފައި މި ބައިންދަނީ ދަތްދޮޅި ދަށަށްލާފައި. އެއީކީ އެކަމުގައި އެންމެ ރަނގަޅު ގޮތެއް ނޫން. ނަގަންޏާ ނަގާނީ ރަނގަޅަށް، ކަންފަތުން ނައްޓާލުމަށްފަހު ފަށްޖަހާލައްވާ. އެއްވެސް ހާލަތެއްގައި ދަތްދޮޅި ދަށުގައި ނުބައިންދަވާ،" އަފްޒަލް ވިދާޅުވިއެވެ.
އަފްޒަލް ވިދާޅުވީ ކޮންމެ ގެއަކުން އެއް ބޭފުޅަކު ފިހާރަތަކަށް ފޮނުވުމަށް ކަނޑައަޅާފައި ބެހެއްޓުމަކީ އެންމެ ރައްކާތެރިގޮތް ކަމަށެވެ. އެކަމުގެ ސަބަބުން ބަލި ފެތުރުން ކުޑަވެގެންދާނެ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އޮފީސްތައް ހުޅުވިފައިވާއިރު، އޮފީހަށްދާ ފަރާތްތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށެވެ. އެގޮތުން އޮފީހަށް ގޮސް އަތް ދޮވުމާއި ސެނިޓައިޒް ކުރުމަށް އިސްކަންދޭންވާނެ ކަމަށެވެ. އަދި އެޗްޕީއޭގެ ގައިޑް ލައިނާ އެއްގޮތަށް އަމަލުތައް ބެހެއްޓުމުން ބަލި ޖެހުމުގެ ފުރުސަތު ކުޑަވެގެންދާނެ ކަމަށްވެސް ޑރ. އަފްޒަލް ވިދާޅުވިއެވެ.