މިދިޔަ 24 ގަޑިއިރު ތެރޭ 14 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު 2217 އަށް އަރައިފިއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ އަށް ދިވެއްސަކާއި ބަންގުލަދޭޝްގެ ތިން މީހަކާއި އިންޑިއާގެ ދެ މީހެއްގެ އިތުރުން ސްރީލަންކާގެ މީހެއް ކަމަށެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ، އެމީހުންގެ ތެރެއިން ފަސް މީހުންނަކީ މީގެ ކުރިން ފެނިފައިވާ އެއްވެސް ކުލަސްޓާއަކާ ގުޅުމެއް ނެތް މީހުން ކަމަށެވެ.
އެޗްޕީއޭ އިން ބުނީ، ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އިތުރު 10 މީހަކު މިއަދު ބަލިން ރަނގަޅުވެފައިވާ ކަމަށެވެ. ބަލިން ފަސޭހަވީ މީހުންގެ އަދަދު 1813 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 391 މީހަކަށެވެ.
އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މިވަގުތު ކަރަންޓީން ފެސިލިޓީތަކުގައި 140 މީހަކު އަދި އައިސޮލޭޝަން ފެސިލިޓީތަކުގައި 311 މީހަކު އެބަ ތިއްބެވެ.
ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން އަށް މީހަކު ވަނީ މަރުވެފައެވެ. އެއީ އުމުރުން ދުވަސްވީ ހަތަރު ދިވެއްސަކާއި ބަންގުލަދޭޝްގެ ހަތަރު މީހެކެވެ.