ކުއްލި ޚަބަރު

ހަތެއް ފެބްރުއަރީގައި ކަންކަން ރަނގަޅަށް ތަހުގީގުކޮށްފި ނަމަ ހިފައި ހައްޔަރުކުރަން ޖެހޭނީ ރައީސް ނަޝީދު: އަދުރޭ

އަލީ ޔާމިން

ހަތެއް ފެބްރުއަރީގައި ކަންކަން ރަނގަޅަށް ތަހުގީގުކޮށްފި ނަމަ ހިފައި ހައްޔަރުކުރަން ޖެހޭނީ ރައީސް ނަޝީދު ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުުމުގައި އަބްދުއްރަހީމް ވިދާޅުވީ، 7 ފެބްރުއަރީ 2012ގައި ހިނގައިދިޔަ ކަންކަން ވަރަށް ގާތުން ތަޖުރިބާކުރެއްވި ކަމަށާއި އެ މައްސަލަ ރަނގަޅަށް ތަހުގީގުކޮށްފިނަމަ ހައްޔަރުކުރަން ޖެހޭނީ ރައީސް މުހައްމަދު ނަޝިދާއި އެމަނިކުފާނުގެ ބައިވެރިން ކަމަށެވެ.

"އެ ދުވަސް ރަނގަޅަށް ތަހުގީގުކޮށްފިއްޔާ ހިފާ ހައްޔަރު ކުރަން ޖެހޭނީ ގ. ކެނެރީގޭ މުހައްމަދު ނަޝީދު. މިއީ ހަގީގަތް. ވަރަށް ގާތުން އެ މަންޒަރު ދުށް މީހެއްގެ ހައިސިއްޔަތުން އަޅުގަނޑު މިދަންނަވަނީ،" އަބްދުއްރަހީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބްދުއްރަހީމް ވިދާޅުވީ ހަތެއް ފެބްރުއަރީއާއެކު އަށެއް ފެބްރުއަރީގައި ހިނގައިދިޔަ ކަންކަންވެސް ތަހުގީގުކުރަން ޖެހޭ ކަމަށެވެ.

"ހަތެއް ފެބްރުއަރީގައި އިސްތިއުފާ ދެއްވާފައި އަށެއް ފެބްރުއަރީގައި އައުވާނުން ގޮވައިގެން މުޅި މާލޭގައި ހުޅުޖެހީ، ފުލުހުންގެ ގައިގައި ތެޅީ، ރާއްޖޭގެ އެތަން މިތާނގައި ހުރި ޕޮލިސް ސްޓޭޝަންތައް އަންދާލީ، ސަރުކާރުގެ ވެހިކަލްތައް ރޯކޮށްލީ، މިހެން ގޮސް މިގައުމަށް ދިން ގެއްލުންވެސް އެބަޖެހޭ ނޫންތޯ ބަލަން،" އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ، ހަތެއް ފެބްރުއަރީގައި ރައީސް ނަޝީދު އިސްތިއުފާދެއްވުމުން ރައީސް ވަހީދު ވެރިކަމާ ހަވާލުވެވަޑައިގެންނެވީ ގާނޫނުން އެމަނިކުފާނަށް އެކަން ލާޒިމުކުރާތީ ކަމަށާއި އެކަމުގައި އެއްވެސް އޮޅުވާލުމެއް ނެތް ކަމަށެވެ.

އެމްޑީޕީގެ ވެރިކަން ހަތެއް ފެބްރުއަރީގައި ނިމުމުން އެޕާޓީން ދަނީ ވެރިކަން ވެއްޓުނީ ބަގާވާތަކުން ކަމަށް ބުނަމުންނެވެ.